Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މި ސަރުކާރަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ސަރުކާރެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ / މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ސަރުކާރެއް ކަމަށް މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރިއިރު މަގާމުން ވަކިކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހްގެ ވެރިކަމުގައި ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި، މި ސަރުކާރުން އަބަދުވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ފަނޑިޔާރުން ކަމަށެވެ. އެގޮތުން އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ކަމުގައިވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮންނަނީ، އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު، ފަނޑިޔާރުގެ އިޞްލާޙުކުރުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ، ވަރަށް އިޚްލާޞްތެރި ތެދުވެރި ނިޔަތެއްގައި ކަމަށާއި އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ޙައްޤެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ޙައްޤެއް އަނބުރައި ހޯދައިދޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ދައުލަތް ހިނގަމުން މި އަންނަނީ، ދައުލަތުގެ ތިން ބާރަށް ޤާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސްކުރާނަން" ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް ވަޢުދުވީ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ފަނޑިޔާރުގެއެއް ޤާއިމުކޮށްދިނުމަށް ކަމަށާއި ސަރުކާރު ކުރިއަށް މިދަނީ އެ ވަޢުދުގެ މަތީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނުތަކަށްވެސް އިސްލާހުތައް އަދިވެސް ގެންނަންޖެހޭ ކަމަށެވެ. މިފަދައިން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފައި ވަނީ ގާނޫނު ބަދަލުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަަށް ލިބިދިން ބާރުތަކެއްގެ ތެރެއިންނެވެ.