Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އިމްރާނާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ޝައުދަރު ވަލައްބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އޭޑީޖީޕީ ޝްރިލް އަޓުލް ކަރްވާލްއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ދައުވަތަކަށް މިނިސްޓަރު އިމްރާން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އިންޑިއާއަށް ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ނަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއަށް އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު އިމްރާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ދަތުރުފުޅުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް އިންޑިއާގެ ފަރާތުން އިތުރު އެހީތެރިކަން ލިބި ދެގައުމުގެ މަސްލަހަތަށް އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.