މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫގެ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން މަހު ފީގެ ގޮތުގައި ދައްކަން ޖެހޭނީ 200 ރުފިޔާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ ކުރިންވެސް ފީނަގަމުން އައި އުސޫލުގެ މަތިން ފީ ބަލައި ގަންނަމުން ގެންދާނެކަމަށެވެ. އެގޮތުން ކޮންމެ މަހެއްގެ 1 އިން 10 އަކާއި ހަމައަށް ފީނުދައްކާ ފަރާތްތަކުގެ ފީ ބަލައި ގަނެވޭނީ 15 ރުފިޔާގެ ޖޫރިމަނާ އާ އެކު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ކައުންސިލުން ބުނީ މަސްނިމޭއިރަށް ފީނުދައްކާ ފަރާތްތަކުގެ ވިޔަފާރި ހުއްދަ ބާތިލުވާނެކަ މަށެވެ. އަދި ބާޠިލްވާ ހުއްދަ އަލުން ހަދައި ދެވޭނީ 200 ރުފިޔާ ދެއްކުމުން ކަމަށެވެ.
އައްޑޫގެ ވިޔަފާރި ތަކަށް މިހާރު ދޫކޮށްފައިވާ ވިޔަފާރި ހުއްދަ އިސްލާހުކުރުމަށް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. އަދި ކައުންސިލްގެ ޑިޕާރޓްމަންޓް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޔޫތް އެންޑް ސްޕޯރޓްސްއަށް ހުށަހަޅައިގެން އާ ހުއްދަ ހޯދުމަށް ކައުންސިލުން ވަނީ އަންގާފައެވެ.
އަދި ކުރިއަށް ފީދައްކަވާފައިވާ ފަރާތްތަކުން 1 ޖުލައި 2013 އިން ފެށިގެން ފީދައްކާ ނިންމާފައިވާ މުއްދަތަށް އިތުރަށް ދައްކަވަން ޖެހޭ ފައިސާ 31 ޖުލައި 2013 ކުރިން ދައްކަވައި ނިންމަވަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ވިޔަފާރިތަކުން ފީނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ ގާނޫނު ނަމްބަރ 78/60 އިމްޕޯރޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި އިމްޕޯރޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނާ 10،000 މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ކޮންމެ ތަނަކުން މަހަކު 200ރ. ކުލީގެ ގޮތުގައި ނެގޭނެ ކަމަށް އެގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.
ވިޔަފާރިތަކުން 200 ރުފިޔާ ނެގުމަށް ނިންމުމާއި ގުޅިގެން މީދޫގެ ވިޔަފާރިވެރިއަކު ވަނީ އެކަން އެ އަދަދަށް ފައިސާނުނެގޭ ގޮތަށް ހަދައި ދިނުމަށް މީދޫ ކޯޓަށް ހުށަހަޅާފައެވެ. ކޯޓުން ބުނެފައިވަނީ އިތުރަށް ބަލައި ދިރާސާ ކުރަންޖެހޭ ކަމަކަށް ވާތީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.