Last Updated: July 23, 16:49
Thursday, July 23, 2026
ކުޅިވަރު

ލިޕްޒިގުން ޓޮޓެންހަމް ބަލިކުރިއިރު، އެޓަލާންޓާ އަށް ބޮޑު މޮޅެއް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރެޑްބުލް ލިޕްޒިގުން ޓޮޓެންހަމް ބަލިކުރިއިރު، އިޓަލީގެ އެޓަލާންޓާ އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޖަރުމަނުގެ ލިޕްޒިގުން ޓޮޓެންހަމްގެ މައްޗަށް ރޭ ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިޕްޒިގުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ވެސް އެޓީމުން ތަނަވަސްކޮށްފައިވެއެވެ. ނަމަވެސް ލިޕްޒިގުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިޕްޒިގަށް މެޗުގެ 58 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ލިޕްޒިގުގެ ފޯވާޑް ޝިކް އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޓޮޓެންހަމް އިން ވެސް ވަނީ ލިޕްޒިގުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ލޮސެލްސޯ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ލޫކަސް މޯރާ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަލަށް ވާދަކުރާ އެޓަލާންޓާ ރޭ މޮޅުވީ ސްޕެއިންގެ ވެލެންސިއާގެ މައްޗަށް 4-1 އިންނެވެ.

އިޓަލީގެ ސެންސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ވެސް އެޓަލާންޓާ އިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން އެ ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހެންސް ހެޓްބޮޔާ އާއި ޖޯސިޕް އިލިޗިޗްއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ފްރިއުލާ އެޓަލާންޓާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިނީ ހެޓްބޮޔާއެވެ.

މި މެޗުގައި ވެލެންސިއާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނިސް ޗެރިޝޭވް އެވެ.