މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީއާ ޓެކުހުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިއްޔެ އެ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ބީޕީޓީގެ ގޮތުގައި 867.5 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު ޖީއެސްޓީގެ ގޮތުގައި 900 މިލިއަން ދައުލަތަށް ލިބިފައިވެއެވެ.
މީގެ ތެރޭ ހިމެނެނީ ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސްގެ ގޮތުގައި ލިބުނު 325.2 މިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 575.1 މިލިއަން ރުފިޔާ އެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 381 މިލިއަން ރުފިޔާ މި މުއްދަތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާއެވެ. ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް އެކަމުގެ އަސަރު ކޮށްފައިވާތީ ދައުލަތުން ވަނީ އޮފީސްތަކުގެ ހަރަދު ކުޑަ ކުރުމަށް އަންގާފައެވެ.