Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އޭސީސީގެ ކުރީގެ މެންބަރުންގެ މައްސަލަތަކެއް މިހާރުގެ ކޮމިޝަނުން ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީ މެންބަރުންތަކެއްގެ މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުޝާމް ވިދާޅުވީ ނިމިގެން ދިޔަ ދައުރުގައި ތިއްބެވި އޭސީސީގެ މެންބަރުންނަށް ގިނަ ތުހުމަތުތަކެއް ކުރެވުނު ކަމަށެވެ. އެހެންކަމުން އެބޭފުޅުންނާއި ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ދޭތޯ އުޝާމް ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވިދާޅުވީ އޭސީސީގެ ކުރީގެ މެންބަރުންތަކެއްގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ ނިމިގެން ދިޔަ ދައުރުގައި އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ސަރުކާރުގެ ޕްރެޝަރުތައް އަންނަމުން ދިޔަ ކަމަށާއި އެފަދަ އެއްވެސް ކަމެއް މި ދައުރުގައި މެންބަރުންނަށް ކުރިމަތިވޭތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރުން މަސައްކަތް ކުރުމަށް އުނދަގޫވާ ހާލަތަކަށް ނުދާ ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ޖެހިގެން އެއްވެސް މުވައްޒަފަކު މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ނިންމަނީ ހުރިހާ މެންބަރުންގެ ހިއްސާއާ އެކުގައެވެ.

އޭސީސީގެ ކުރީގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ރިޝްވަތުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި އޭނާ މިހާރު ދިރިއުޅެމުން ގެންދަނީ ވެސް ރާއްޖެއިން ބޭރުގައެވެ. އޮފީހަށް ނުނިކުންނަވާ މުސާރަ ނަގަމުންދާ ކަމުގެ ޝަކުވާތަކެއްވެސް އޭނާގެ ކުރިމަތިވިއެވެ. އަދި އެ މައްސަލަ މަޖިލީހުން ބަލާ ނިންމީ މަގާމުން ވަކި ކުރާށެވެ. މަގާމުން ވަކި ކުރުމުގެ ކުރިން އޭނާ އިސްތިއުފާ ދިނެވެ.

އޭސީސީން އަންނަނީ މިހާރުވެސް 680 މައްސަލައެއް ބަލަމުންނެވެ. އިވެލުއޭޝަން މަރުހަލާގައި 328 މައްސަލަ އުޅޭއިރު ޖުމްލަ 1،000 އަށް ވުރެ ގިނަ މައްސަލަ އުޅޭ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ. 120 މައްސަލައަކީ ކޮމިޝަންގެ އިސްނެގުމަކަށް ބަލަމުންދާ މައްސަލަތަކެކެވެ.