Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އުމަރަށް އެންމެ ފަހުން މި ސަރުކާރު ރައީސް ޔާމީން ސަރުކާރަށްވުރެވެސް ކޮރަޕްޓުވެއްޖެ!

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަމުން އުމަރު ނަސީރު އިސްތިއުފާ ދެއްވީ އެ ސަރުކާރުގައި ހިނގާ ކަންކަމަކީ ބަލައިގަނެވޭ ކަންކަމެއް ނޫން ކަމަށް ވިދާޅުވެއެވެ. އަދި އެ ސަރުކާރުގައި ކޮރަޕްޝަންގެ ހާލި ހާލި އޮންނަ ކަމަށާއި ރައީސް ޔާމީނަކީ ކޮރަޕްޓު ވެރިއެއް ކަމާއި އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޓު ސަރުކާރެއް ކަމަށް އުމަރު ދިޔައީ ތަކުރާރުކޮށް މީގެކުރިން ވިދާޅުވަމުންނެވެ.

އެހެންނަމަވެސް މިއަދު އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ސަރުކާރަށްވުރެ މި ސަރުކާރުގެ ކޮރަޕްޓުކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް މައްސަލައާ ގުޅިގެންނެވެ. ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދުނިޔަވީ އެދުންތަކަށް ލެނބި، މިސްރާބު ގެއްލިގެން ގޮސް ރައްޔިތުން ގާތުވީ ވައުދުތަކުގެ މަތިން ހަނދާން ނެތިގެންދާ ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ ހިތި ނަތީޖާ ފެނިގެން ދާނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނެގިގެންދާ ވޯޓުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި މި ތިއްބެވި ސިޔާސީ ލީޑަރުން އިންތިހާބު ކުރައްވައިގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް މޮޅެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނެތްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ރާއްޖެ ދަތުރު ކުރަމުންދާ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ޓީއެމްއޭއަށް އާ ޓާމިނަލުން ޖުމްލަ ދެނީ 6،400 އަކަމީޓަރުގެ ޖާގަ ކަމަށެވެ. އޭގެތެރޭގައި ލައުންޖްތައް ހަދަން ހާއްސަ ކޮށްގެން ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ ހިމެނެއެވެ. އަނެއް ބަޔަކީ، ޓާމިނަލްގެ އެހެން ހިދުމަތްތަކަށް ޓީއެމްއޭ އަށް ބޭނުންކުރެވޭނެ ޖާގައެވެ. ޖާގަ ދެނީ އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުންނެވެ.