Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން - ފޮޓޯ: އީސީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. މުއްދަތު ހަމަވާނެ ކަމަށް ބުނެފައިވަނީ މިއަދުގެ މެންދުރުފަހު 15:00ގައެވެ. ނަމަވެސް އިލެކްޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފޯމު ހުށަހެޅުމުގެ ވަގުތު މިއަދު ހަވީރު 16:00އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ބައެއް ރަށު ކައުންސިލްގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަނަށް ހުށަހަޅާފައިވާއިރު ބައެއް ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ފޯމުތައް ހުށަހަޅަމުންނެވެ. ނަމަވެސް ހުރިހާ ސިޔާސީ ޕާޓީއަކުން ފޯމު ހުށަހެޅި ކަމެއް ޔަގީނެއް ނޫނެވެ.

މިއަދުގެ ހަވީރު 16:00އަށް ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހު 15:00އެވެ.