މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތް ރާއްޖޭގައި ހަމަޖައްސައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި ޓެސްޓް ކިޓްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ބޭއްވި ހަފްލާގައެވެ. އެ ޖަމިއްޔާ އިން ވަނީ، ކޮރޯނާވައިރަަހަށް ޓެސްޓު ކުރުމަށް ބޭނުންވާ 1،000 ކިޓް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފައެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެހެންނަމަވެސް ރާއްޖޭގައިވެސް ވަނީ މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާރަށާއި ފަރުކޮޅުފުއްޓަކީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ޗައިނާއަށް ދަތުރުކޮށްފައިވާ އެއްވެސް މީހަކު ރާއްޖެއަށް އެތެރެވެއްޖެ ނަމަ އެއީ ދިވެއްސެއް ނަމަވެސް އެމީހަކު ކަރަންޓީނުގައި 14 ދުވަސް ވަންދެން ބަހައްޓައެވެ.
އެގޮތުން ރާއްޖޭގައި އެގޮތަށް ހަތް މީހަކު ފުރަތަމަ ކަރަންޓީނު ކުރުމަށްފަހު ބެހެއްޓިއެވެ. ނަމަވެސް އެ ހަތް މީހުންގެ ޓެސްޓުތައްވެސް ދެއްކީ ކޮރޯނާއަށް ނެގެޓިވް ކަމަށެވެ.