ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައި ކަމަށެވެ.
މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގުތިސޯދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.
މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވާއިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.
އެ ކޮމިޝަނަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި:
ޑޮކްޓަރ ޢާފިޔާ ޢަލީ (ވާރުގެ، ސ. ހުޅުދޫ)
ޑޮކްޓަރ ޢަބްދުލްމަލިކް (މއ. ކޮށީގެ)
އަލްއުސްތާޛު ޢަބްދުﷲ ރާބިޢު (ގަލްގާސްގެ، ކ. ދިއްފުށި)
އަލްއުސްތާޛާ މާޒިޔާ ޢަބްދުއްސައްތާރު (ގ. ސާޔާ)
މިސްޓަރ ނިކޮލަސް ރިޗާޑް ކައުދަރީ (އޮސްޓްރޭލިއާ)
ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަނުގެ ރައީސާގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރު އާފިޔާ އަލީއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މިސްޓާ ނިކޮލަސް ރިޗާޑް ކައުދަރީއަކީ އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޯ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއާއެވެ. އަދި، އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ، އަދި މިހާރު އޭނާއަކީ އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ހައްގުތަކާއިބެހޭ މުޝީރެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދުވަނީ އަމަލުކުރާން ފަށާފައެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދީންގެ ހައްގުތަކާއިބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ.
އަދި، ކުޑަކުދީންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.