Last Updated: July 23, 16:49
Thursday, July 23, 2026
ކުޅިވަރު

އާސެނަލް އާއި އިންޓައަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

ޔުއެފާ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި އިންޓަ މިލާން މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލް ރޭ މޮޅުވީ ގްރީސްގެ އޮލިމްޕިއާކޯސްއާ ބައްދަލުކޮށް 1-0 އިންނެވެ.

އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ލަކަޒެޓް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އޮލިމްޕިއާކޯސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އޮލިމްޕިއާކޯސް އަށް ވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އާސެނަލްގެ ކީޕަރު ޝެޒްނީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑް ރޭ އެއްވަރުވީ ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ބައްދަލުކޮށް 1-1 އިންނެވެ.

ބެލްޖިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ޑެނިސް ވަނީ ބްރޫޖަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބްރޫޖަށް މި މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ކުޅުންތެެރިއަކު ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

އިންޓަ މިލާން ރޭ މޮޅުވީ ލުޑޮގޮރެސްޓްއާ ބައްދަލުކޮށް 2-0 އިންނެވެ. މި މެޗުގައި އިންޓަގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އާއި ރޮމެލޫ ލުކާކޫއެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތަށް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.