Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރާއްޖެ ތަރައްގީ ކުރެވޭނީ ކައުންސިލަށް: ރައީސް

ރާއްޖެ ތަރައްގީ ކުރެވޭނީ ރަށް ރަށުގެ ކައުންސިލްތަކުން، ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރަސްމީ ގޮތުން ލޯންޗުކުރުމަށް މާލޭގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަހަރު ތަރައްގީގެ 500 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ދާނެ ކަމަށާއި، މަޝްރޫއުތައް ތަންފީޒު ކުރުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް، ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލްތަކަށް ލިބިފައިވާއިރު ކައުންސިލްތަކުގެ މަސައްކަތުން ނޫނީ އެކަންކަން ފުރިހަމައަށް ނުގެންދެވޭނެ ކަމަށެވެ.

ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަށް ފަހު ކައުންސިލްތައް ބާރުވެރިވެފައިވާ ކަމަށާއި، އަންހެނުން ވެސް ބާރުވެރި ކުރެވިފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި މި އިންތިޚާބަށް ފަހު ދެން ކައުންސިލް އިންތިޚާބެއްގައި ވޯޓު ލެވޭނީ 5 އަހަރު ފަހުން ކަމަށް ވާތީ ހެޔޮ ބަދަލެއް ގެނެވޭނެ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.