Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޕީޕީއެމްއިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުން އަންނަ ހުކުރު ދުވަހު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެމްޕެއިންގެ ޝިއާރެއްގެ ގޮތުގައި ބޭނުން ކުރަނީ "މިއީ މަގޭ ރާއްޖެ" މިފަދައިންނެވެ. ކައުންސިލް އިންތިހާބާއި ގުޅޭ މައުލޫމާތާއި ކެމްޕެއިންގެ އެންމެ ފަހުގެ މައުލޫމާތުތައް ނޫސްވެރިންނަށް ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޖަލްސާ ފޯރިގަދަ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރާ ކަމަށެވެ.

އެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ސްޓިއަރިން ކޮމިޓީގެ ޗެއާ އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، މާލެގައި ބޮޑު ޖަލްސާ އެއް ބޭއްވި ނަމަވެސް 24 ފެބްރުއަރީން ފެށިގެން ޕީޕީއެމްގެ ޓީމްތައް އަތޮޅު ތެރޭގެ ރަށްތަކަށް ގޮސް ކެމްޕެއިން ހަރަކާތްތައް ހިންގާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ މި ޖަލްސާގައި ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ގެންގުޅޭނެ މެނިފެސްޓޯވެސް ތައާރަފު ކުރުން އޮންނާނެ ކަމަށް މުއާޒު ވިދާޅުވިއެވެ. ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ތައާރަފްކުރުން އޮންނާނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.