ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކައުންސިލް އިންތިހާބު ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގެ މުޅި އަމާޒު ހިފާފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށާއި އެކަމުން އެނގިގެން ދިޔައީ މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގެންފައިވާ މިންވަރު ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނިގެން ހިނގައްޖެ ކަމަށެވެ. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނުކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފައިވާ ކަމަށާއި އަދި މޭވާ އަޅާ ގަސް އެނގިއްޖެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓިކެޓުގައި މާލެސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ހައުސިން މިނިސްޓަރަށް އެންމެ ބޮޑަށް ރޭގެ ޖަލްސާގައި ފާޑު ވިދާޅުވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި މިފަހުން އެންމެ އިސްކޮށް ހުރީ "ހޮޅި" މުއިއްޒު ކަމަށާއި އެކަންތައް ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.
"އެންމެ އިސްކޮށް ހުރީ އެ "ހޮޅި" މުއިއްޒު. އޭނާ ވަޒީރު ކަމުގައޭ ކިޔައި ހުންނަވައިގެން މި މާލެ އަށް ކުރިހާ ކަންތައް އަޅުގަނޑުމެން ހިތުން ފިލައިގެން ދާނެތާ. ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ނަޝީދު ވިދާޅުވިއެވެ.
ފަސް އަހަރުވަންދެން މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ނެގުމަށްފަހު މުއިއްޒުގެ "ދެފައިކޭޓަށް މަހާލައިގެން" އިންނަވައިގެން ހުންނަވާފައި މިއަދު އަނެއްކާވެސް ނިކުމެ ވޯޓު ދޭން އެދުނަސް މާލޭ މީހުން ވޯޓު ނުދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މާލޭ މީހުން އޭނާއަކަށް (މުއިއްޒު) ވޯޓެއް ނުދޭނެ. މާލޭ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ މި ދަންނަވާ "ހޮޅި" މުއިއްޒު" ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމް ސަރުކާރުން އެޅި ބްރިޖު "އޯކޭ" ކަމަށާއި ނަމަވެސް މުއިއްޒުގެ އައުވާނުންނަށް 7،000 ފްލެޓު ބަހާލިގޮތް "އޯކޭ" ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި އިދިކޮޅުން މުއިއްޒު ނިކުންނައިރު އެމްޑީޕީން ނިކުންނާނީ އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ