އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްގެ މައްޗަށް 2-1 އިން ކުރި ހޯދައި، ލީގުގެ ހަތަރުވަނަ މަގާމު ޗެލްސީން ދަމަހައްޓައިފިއެވެ.
މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ މިހާރު އޮޮތީ 44 ޕޮއިންޓާ އެކުއެވެ. ޓޮޓެންހަމް އޮތީ 40 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 15 ވަނަ މިނެޓްގައި އޮލިވިއޭ ޖިރޫ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. އަދި ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް އޮލޮންސޯއެވެ.
މި ދެ ކުޅުންތެރިންނަށް ވެސް ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައިމިވަނީ ގިނަ ދުވަސްތަކަކަށްފަހުކަން ފާހަގަކޮށްލެވެއެވެ.
މި ދެ ގޯލަށްފަހު ވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އޮލޮންސޯ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.
އަނިޔާގެ ސަބަބުން ހެރީ ކޭން އާއި ސޮން ނުލައި ޓޮޓެންހަމް އިން ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. އެގޮތުން މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ މެޗުގެ 89 ވަނަ މިނެޓްގއި ޗެލްސީގެ ޑިފެންޑަރު ރުޑިގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ލީގުގެ ހަތަރުވަނަ މަގާމު ޗެލްސީން ދިފާއުކުރިއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނީ ލީގުގެ ގަދަ ހަތަރެއްގައި ނިންމާ ޓީމުތަކަށެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ބޯންމަތްއާއެވެ. ޓޮޓެންހަމް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.