Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މިނިމަމް ވޭޖު: ފަތުރުވެރިކަމުގެ ދާއިރާއަށް 8،600 ރުފިޔާ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް - ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިނިމަމް ވޭޖެއްގެ ގޮތުގައި 8،600 ރުފިޔާ ކަނޑައެޅުމަށް މިމިނަމް ވޭޖު ބޯޑުން ލަފާ ދީފިއެވެ.

މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ އިކޮމޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އާއްމުކޮށްފައިވާއިރު މި އަދަދުތައް ކަނޑައެޅުމުގައި އެ ބޯޑުން ވަނީ ދެ ސިނައިރިއޯއަކަށް ރިއާޔަތް ކޮށްފައެވެ. އެއީ ގޭބިސީއެއްގެ ޒަރޫރީ ބޭނުންތަކާއި، ރާއްޖޭގެ އިގްތިސާދީ ހާލަތެވެ. އެ ބޯޑުން ކުރި ދިރާސާއިން ދައްކާ ގޮތުގައި ގޭބިސީއެއްގެ އެވްރެޖް ސައިޒަކީ 5.3 މީހުންނެވެ. ވެއިޓެޑް އެވަރޭޖެއްގެ ގޮތުގައި ބޯޑުން ކަނޑައެޅީ 4.2 މީހުން ކަމަށެވެ. ދިރާސާ ދައްކާ ގޮތުން ކޮންމެ ގޭ ބިސޭއެއްގައި މަދުވެގެން ދެ މީހުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ.

މި ދިރާސާތަކަށްފަހު ބޯޑުން ކަނޑައެޅީ މިނިމަމް ވޭޖަކަށް ވާންޖެހޭނީ 5،777 ރުފިޔާއާ 8،662 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް 8،600 ރުފިޔާ ކަނޑައަޅާފައިވާއިރު ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.

އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "މިހާރު" ނޫހަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން މިހާރު ލަފާ ދީފައިވާ އަދަދަކީ އެބޯޑުން ގެންގުޅޭ މިންގަނޑުތަކުން ދީފައިވާ އަދަދެއް ކަމަށެވެ. އަދި އެ އަދަދަކީ މުސާރަދޭން ތިބި ފަރާތްތަކަށް ދެވިދާނެ އަދަދެއްކަން ނުވަތަ ނޫންކަންވެސް ބަލަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާއިން ލަފާ އަރުވާފައިވަނީ ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،000 ރުފިޔާއާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

އެހެންނަމަވެސް މިހާރު ކަނޑައެޅިފައިވާ އަދަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެވިދާނެ އުޖޫރައެއް ކަމާއިމެދު ކަންބޮޑުވުން އެބަހުރި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ކަނޑައެޅޭ އެންމެ ކުޑަ އުޖޫރައަކީ ދިނުމަށް ދަތިވާ ފަދަ އަދަދެއް ނަމަ، އެކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓުވުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުޑަ އުޖޫރައަކީ އެކަށީގެންވާ އުޖޫރައެއް ނޫން ކަމުގައި ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ އެންމެ ކުޑަ އުޖޫރައާއި “ލިވަބަލް ވޭޖު” ނުވަތަ ދިރިއުޅެވޭ ވަރުގެ އުޖޫރައަކީ ތަފާތު ދެމަފުހޫމެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދުތައް ހަމަޖެއްސޭ މިންވަރުގެ އުޖޫރައެއް ދިނުމަކީ އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ލާޒިމު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅޭ މިންވަރަކީ އެންމެ ރަނގަޅު އަދަދު ނޫން ކަމަށްވާ ނަމަ ކޮންމެ ދެ އަހަރަކުން އެ އަދަދު މުރާޖާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެއްޖެނަމަ ދެ އަހަރު ނުވަނީސްވެސް އެ އަދަދު މުރާޖާ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.