ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވިއިރު، ރެއާލް މެޑްރިޑް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.
މި ނަތީޖާތަކާއެކު 55 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި މިހާރު އޮތީ ބާސެލޯނާ އެވެ. މީގެކުރިން ލީގުގެ އެއްވަނައިގައި އޮތް ރެއާލް މިހާރު އޮތީ 53 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.
ބާސާ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި އެއިބާއާ ބައްދަލުކޮށް 5-0 އިންނެވެ.
ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފް ވެސް އެޓީމުން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން މި ތިން ގޯލު ކާމިޔާބުކޮށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި ބާސާގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކޮށްދީފައިވަނީ މެސީއެވެ. އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އާތާއެވެ.
ރެއާލް ރޭ ބަލިވީ ލެވާންޓޭއާ ބައްދަލުކޮށް 1-0 އިންނެވެ.
ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ލެވާންޓޭ އަށް ކާމިޔާބުކޮށްދިނީ މޮރާލޭސްއެވެ. ލެވާންޓޭ އިން ގޯލު ކާމިޔާބު ކުރުމުގެ ކުރިން ރެއާލް އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓީމުގެ އެޑެން ހަޒާޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މި މެޗުން ރެއާލް ބަލިވިއިރު ހަޒާޑަށް ވަނީ އަނިޔާވެސް ވެފައެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިން އިނގޭނީ އިތުރު ޓެސްޓުތަކަށްފަހު ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބުނެފައެވެ.