ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ހިސާބުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް އޭނާގެ ޓްވީޓާ ވަނީ މުއިއްޒު އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި އެކަމަކީ އެހާ "ކޫލް" ކަމެއް ނޫން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީގެ ރޭގެ ވަގުތެއްގައެވެ. ގަޑިއެއްހާއިރު ވަންދެން ފުލުހުންގެ އިދާރާގައި ހުންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހާޒިރު ކުރެއްވީ ނޫމަޑި މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުވެސް އޭގެތެރޭގައި ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ހިސާބުން މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާތީ އެކަމާ އަލީ އާޒިމް ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ނަމަވެސް އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މުއިއްޒަށް ވަރަށް ހުތުރުކޮށް ފާޑު ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ނަޝީދަށް ވަނީ އަމާޒުވެފައެވެ.