Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަދުރޭގެ ދަރިފުޅު ފައިސަލްއާ އޭނާގެ އަންހެނުންގެ އައިނު ހެއްދީ އެމްބަސީގެ ބަޖެޓުން

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އިބްރާހީމާއި އޭނާގެ އަނބިކަނބަލުންނަށް އައިނެއް ހެއްދުމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ބަޖެޓުން ހަރަދުކުރިކަން ހާމަވެއްޖެއެވެ. 

ފޮރިން މިނިސްޓްރީގެ 2018ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމު ކުރިއިރު އެ ރިޕޯޓުގައި ބުނެފައިވަނީ މެލޭޝިޔާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މެލޭޝިޔާގެ އިންޝުއަރެންސް ސްކީމުގައި ބައިވެރިވެފައި ތިބޭ ބޭފުޅުންތަކެއް ކަމަށެވެ. އެހެންނަމަވެސް އެ ސްކީމުގެ ބޭރުންވެސް ހިދުމަތްތަކެއް ހޯދާފައިވާ ކަމަށާއި އެ ހިދުމަތްތައް ހޯދާފައި ވަނީ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްގެން ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އެމްބަސީގެ މަގާމެއް ކަމަށްވާ މިނިސްޓާ ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅަކު އޭނާއާ އޭނާގެ އަނބިކަނބަލުންނަށް ޕްރާޑާ ބްރޭންޑުގެ އައިނެއް ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގައި މިނިސްޓާ ކައުންސެލާ މަގާމުގައި ހުންނެވި ބޭފުޅާގެ ނަން ނެތް ނަމަވެސް އެ މުއްދަތުގައި އެ މަގާމުގައި ހުންނެވީ އަދުރޭގެ ދަރިކަލުން ފައިސަލެވެ. އޭނާ ހުންނެވީ މެލޭޝިޔާގައި ތައުލީމް ހާސިލް ކުރާށެވެ. އަދި ސަރުކާރުން އޭނާއަށް ވަނީ އެމްބަސީން ވަޒީފާވެސް ދީފައެވެ.

މީގެކުރިން އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓުތަކަކަށް ފައިސާ ނުދައްކާ އޮތް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ 157،290.12 ރުފިޔާއެވެ. އެ ފައިސާ ފަހުން އޭނާ ވަނީ ދައްކާފައެވެ. 

އެމްބަސީގެ ބަޖެޓުން ފައިސަލް ހަރަދުކުރި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ އަރުވާފައެވެ.