Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ސެޓްލްމަންޓު ކޮމެޓީ ގޮވައިގެން ދައުވާ ކުރާނެ ދުވަހެއް އަދި އަންނާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަތަކާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލު ދިނުމުގައި ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީ ގޮވައިގެން ދައުވާ ކުރާނެ ދުވަހެއް އަދި އަންނާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ދޭންޖެހޭ 92 މިލިއަން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހެޔޮފުޅުކަމުން ކޯޓުން ބޭރުން ނޫމަޑިއަށް ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސެޓުލްމަންޓް ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ދިވެހި ރައްޔިތުންގެ މާލިއްޔާ ހުސްކޮށްލަނީ ރޯމާ ދުވާލު ކަމަށެވެ.

ނޫމަޑިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދުމަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅިއެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދީފައެވެ.

ސެޓްލްމަންޓު ކޮމެޓީ ގޮވައިގެން ކޯޓަށް ދާނެ ދުވަހެއް އަންނާނެ ކަމަށް ޝިޔާމް ވިދާޅުވިއިރު ސެޓްލްމަންޓު ކޮމެޓީގެ މަސައްކަތްތައް ހާމަކަން ބޮޑު ކޮށްދޭ ކުރިޔަށް ގެންދިއުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލައިފައެވެ.