Last Updated: May 20, 01:49
Sunday, May 19, 2024
ރިޕޯޓް

"މިއީ އޭރު ވެސް ދެއްކި ވާހަކަ އެވެ."

ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު އޭނާގެ ބްލޮގް "ވެލްކަމް ޓް ޝާހިދު ލައިވް" ގައި ޖުލައި 22، 2013 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިއުމެކެވެ. ކިޔުންތެރިން އިންސާފުކޮށްލައްވާށެެވެ.
———————————————————

މިއީ އޭރު ވެސް އަޅުގަނޑުމެން ދެއްކި ވާހަކަ އެވެ.

ސާކް ސަމިޓަށް ފުލުހުންނާއި ސިފައިން ކުރި މަސައްކަތްތަކަށް އެސްޔޫއެލް އިން 30 މިލިޔަން ރުފިޔާ ނެގި ވާހަކަ އާއި، އެ ކުންފުންޏާއި، ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ގަވާއިދާ ޚިލާފަށް މިލިޔަނުން ފައިސާ ދީފައިވާ ވާހަކަ އޮޑިޓް ރިޕޯޓްގައި އޮތުމަކުން އަޅުގަނޑު ހައިރާނެއް ނުވެ އެވެ.

އަޅުގަނޑު ހައިރާން ވަނީ ސާކް ސަމިޓްތެރޭގައި ގަތާލެވުނު ފަސާދައިގެ ޗޭނުގެ ތެރެއިން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މިންވަރު އޮޑިޓަ ޖެނެރަލް އަށް ފުރިހަމަ އަށް ހޯދިފައި ނުވާތީ އެވެ.

2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު 17 ސާކް ސަމިޓްވެގެން ގޮސްފައިވަނީ އެއްވެސް ޝައްކެތްނެތްގޮތުގައި، އައްޑޫގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ، އަދި ދުނިޔެ އަށް އައްޑޫ ސިޓީ ތަޢާރަފްވެގެންދިޔަ މުހިއްމު ތާރީޚީ ސަމިޓެކެވެ.
އެއް ބަޔަކު ސަމިޓް އައްޑޫގައި ބާއްވާތީ، އޭރުގެ ސަރުކާރަށް ފާޑު ކިޔަމުންދިޔައެވެ. ސާކް ސަމިޓް ބޭއްވުމަށްވުރެން މުހިއްމު އަސާސީ ކަންތައްތައް އައްޑޫގައި ކުރަން ހުރިކަމަށް ބުނަމުން ދިޔަ އެވެ.
ނަމަވެސް ފާޑު ކިއުންތަކަށް ބެލުމެއް ނެތި ސަރުކާރުން ދިޔައީ، ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށްޓަކައި، ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި، ހަކަތަ ބޭނުން ކުރަމުންނެވެ.

ސާކް ސަމިޓަށް ތައްޔާރުވަމަށްޓަކައި، އައްޑޫގައި ހިންގި ތަރައްޤީގެ މުހިއްމު ޕްރޮޖެކްޓްތައް ސަރުކާރުން ހަވާލުކުރީ ސަދަން ޔުޓިލިޓީސް ކުންފުންޏާ އެވެ.
އެ ކުންފުނީގެ ބޯޑުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ، އައްޑޫއަށް އުފަން އައްޑޫގެ ދަރިންނެވެ. އެހެންކަމުން، ސަރުކާރުންވެސް ވަރަށް ބޮޑު އިތުބާރަކާ އެކު، އައްޑޫގެ ތަރައްޤީގެ މަސައްކަތް ސީދާ އައްޑޫ ރައްޔިތުންގެ އަތްމައްޗަށް ދޫކުރި އެވެ. ރައްޔިތުން ވެސް ތިބީ ސަރުކާރުގެ ނިންމުމާ މެދު ހިތްހަމަޖެހިފަ އެވެ.

ތަރައްޤީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދިޔައިރު، މީޑިއާގައި އެއްމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ އައްޑޫ ސިޓީ ކައުންސިލާއި، އެސްޔޫއެލް ގެ ދެމެދުގައި މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކައެވެ. ހަގީގަތަކީ ވެސް އެއީ އެވެ.

އައްޑޫގައި ހިންގޭ ތަރައްޤީގެ ހުރިހާ ކަމެއްގައި، އައްޑޫ ރައްޔިތުންގެ ފަރާތުން ބަސްބުނުމުގެ ގާނޫނީ ޒިންމާ ރައްޔިތުން ހަވާލުކޮށްފައި އޮތީ އައްޑޫ ސިޓީ ކައުންސިލާއެވެ.

ނަމަވެސް އޭރު އެސްޔޫއެލް އިން ކުރިއަށް ގެންދިޔަ ޕްރޮޖްކްޓްތަކުގެ ފުރިހަމަ މައުލޫމާތު ކައުންސިލާއި އެ ފަރާތުން ހިއްސާކޮށްފައި ނުވެ އެވެ.
ބައެއް ޕްރޮޖެކްޓްތަކުގެ އީއައިއޭ ޕްރޮސެސްގެ ތެރެއިން ކޮންމެވެސް ވަރެއްގެ މައުލޫމާތު ކައުންސިލަށް ލިބުނު ކަމުގައި ވިޔަސް، އޭރު ކުރިޔަށް ދިޔަ އެއްވެސް ޕްރޮޖެކްޓްތަކުގެ ފުރިހަމަ މައުލޫމާތު ކައުންސިލަށް ލިބިފައި ނުވެ އެވެ.

އައްޑޫގެ ތާރީޚްގައި ހިންގި ތަރައްޤީގެ އެއްމެ ބޮޑު މަޝްރޫޢުގެ ފުރިހަމަ މަޢުލޫމާތު ކައުންސިލަށް ލިބިފައި ނެތަސް، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ކައުންސިލް އިންތިޚާބުވުމުގެ ކުރިން އައްޑު އަތޮޅުގައި، ހިންގި ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކުގެ، ފުރިހަމަ މައުލޫމާތު އޭރުގެ އަތޮޅު އޮފީހަށް ލިބި، ސީދާ އަތޮޅުވެރިޔާގެ ބެއްލެވުމުގެ ދަށުން ނޫން ގޮތަކަށް ތަރައްޤީގެ އެއްވެސް މަޝްރޫޢު އެއް އައްޑޫގައި ހިނގާފައި ނުވާކަމެވެ.

އަދި އެ މަޝްރޫޢުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބާރާއި އިޚްތިޔާރު އޭރުގެ އަތޮޅުވެރިޔާ އަށް ލިބިގެންވެ އެވެ. ނަމަވެސް ސާކް ސަމިޓާއި ގުޅިގެން އައްޑޫގައި ހިންގި އެއްވެސް ޕްރޮޖެކްޓަކަށް ބަދަލުގެ ގެނަމުގެ އެއްވެސް އިޚްތިޔާރެއް ސަރުކާރުން ކައުންސިލަށް ދީފައި ނުވެ އެވެ.

އައްޑޫގެ ރައްޔިތުންނަކީ އަބަދުވެސް، އެބައިމީހުންގެ ކަންކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު އެބައިމީހުންގެ އަތްމަތީގައި އޮތުމަށްއެދޭ، އެކަމަށް ވަކާލާތު ކުރަމުންދިޔަ ބައެކެވެ.

އެހެންކަމުން، ލާމަރުކަޒީ އުސޫލުން އައްޑޫ ރައްޔިތުން އިންތިޚާބުކުރި ސިޓީ ކައުންސިލަކީ، އެ ރައްޔިތުންގެ ހުރިހާ ކަމެއްގައި އެއްމެ ފަހު ބަސްބުނުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ބައެއްގެ ގޮތުގައި ރައްޔިތުންދިޔައީ ގަބޫލު ކުރަމުންނެވެ. ނަމަވެސް ކަން ވެގެން ދިޔައީ އެގޮތަކަށް ނޫނެވެ.
ސާކް ސަމިޓަށް ތައްޔާރުވަމުން ދިޔަ އިރު އައްޑޫގައި ސަރުކާރުން ހިންގި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުން އެއްމެ އެދޭ ގޮތަކަށް ނޫނެވެ.

ހުރިހާ ކަމެއް ވެގެން ދިޔަ އިރު، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އައްޑޫ ސިޓީ ކައުންސިލް އޮތީ ރައްޔިތުންގެ ޝަކުވާތަކަށް ދޭނެ ޖަވާބެއް ނެތި ސަރުކާރާއި ރައްޔިތުންނާ ދެމެދު ތާށިވެފަ އެވެ.

ގާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން، އޭރު ހިނގަމުންދިޔަ ޕްރޮޖެކްޓްތައް ހަމަ މަގަށް އަޅުވަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު، އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ހުރަސް އަޅަނީއޭ ބުނެ، ރައްޔިތުންގެ މެދުގައި ކައުންސިލާމެދު ނަފްރަތު އުފައްދަމުން ދިޔަ އެވެ.

އަދި ކައުންސިލާއި ދެކޮޅަށް މުޒާހަރާ ކުރުވި އެވެ. އެންމެ ފަހުން ކައުންސިލަރުކަމުން ވަކި ކުރުމަށްޓަކައި، ޕާޓީން ވަކިކޮށްލާނެ ކަމުގެ ބިރު ދެއްކި އެވެ.

އޭރު ވެސް އަދި މިހާރު ވެސް ފާޅުގައި، މި ވާހަކަތައް އެންމެ ގިނައިން ދައްކާ މީހަކީ އަޅުގަނޑު ކަމަށްވުމުން އަޅުގަނޑާ ދެކޮޅަށް ޕެޓިޝަން ހަދަން އެ މީހުން އުޅުނެވެ. ނަމަވެސް މާތްﷲ ގެ އިރާދަފުޅާއި، މިންވަރު ފުޅުން ފުނޑިގެން ދިޔައީ އެ މީހުންގެ ގަތަމުން ދިޔަ ފަސާދައިގެ ޗޭނެވެ.