Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

ވޮޓްފޯޑް ބަލިކޮށް ޔުނައިޓެޑް ފަސްވަނަ އަށް

3-0 އިން ވޮޓްފޯޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެގޮތުން ލީގުގެ ފަސްވަނައިގައި ޔުނައިޓެޑް އޮތީ 41 ޕޮއިންޓާ އެކުއެވެ. ލީގުގެ ހަތަރުވަނައިގައި 44 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގެ ފަހުކޮޅު ލިބުނު ޕެނަލްޓީ އަކުންނެވެ. އެގޮތުން މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފަނާންޑޭސް އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު ފާނަންޑޭސް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު އެންތޮނީ މާޝިއަލް ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ.

މި ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ޔުނައިޓެޑުން އާކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ ގަދަ ހަތަރެކުން ޖާގަ ހޯދާ ޓީމުތަކަށެވެ.

ޔުނައިޓެޑުގެ އިތުރުން ލީގުގައި ރޭ އާސެނަލް އިން ވަނީ އެވަޓަންގެ މައްޗަށް 3-2 އިން ކުރި ހޯދައި ލީގުގެ 9 ވަނަ އަށް އަރާފައެވެ. މި މެޗުގައި އާސެނަލް އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އޮބަމަޔަންގް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އެޑީ އެންކެޓިއާ އެވެ.