Last Updated: April 20, 06:31
Saturday, April 20, 2024
ޚަބަރު

"ވައިރަހުގެ ބިރު އުޅެންޏާ ސާފުކޮށް ބުނެދީ، ނެތިއްޔާ ބިރުވެރިކަން އުފެދޭ ގޮތަށް ބަޔާން ނުނެރޭ"

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ބިރުނެތް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނިކޮށް، އެކަމުގެ އެއްވެސް މައުލޫމަތެއް ރައްޔިތުންނާއި ހިއްސާކުރުމެއްނެތި ކުއްލިއަކަށް އެ ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތްކަން ދޭހަވާ ގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސި (އެޗްޕީއޭ) އިން ބަޔަނެއް ނެރުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކުރުމުރުމުން ދޭހަވަނީ ރާއްޖޭގައި އެ ބަލި ފެތުރޭނެކަމުގެ ބިރު އިންތިހާއަށް އޮތްކަން ކަމަށެވެ. އަދި އެކަމަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެއްވެސް ކަމެއް ސަރުކާރަށް ކުރެވިފައި ނުވާ ކަމަށެވެ. އަދި ވައިރަހާއި ގުޅިގެން ސަރުކާރުން ދެމުން ދިޔަ މައުލޫމާތުތައް މެދުކެނޑިފައިވާ ކަމަށާއި ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު އޮތްކަމަށް ވާނަމަ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށާއި، އެ ބައްޔާއި ގުޅޭ ފުރިހަމަ މައުލޫމަތު އޮޅުވާލުމެއް ނެތި ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އެދި ގޮވާލާފައެވެ.

އަދި އެބަލި ޖެހިދާނޭ އުމުރުގެ ހުރިހާ މީހުން އެމީހުންގެ ރައްކާތެރިކަމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ. މީގެއިތުރުން މިފަދަ ބިރުވެރި ހާލަތެއް ރާއްޖޭގައިނެތް ކަމަށް ވާނަމަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ހިނގައިދާނެ ފަދަ ގޮތަކަށް ބަޔާންތައް ނެރުން ހުއްޓާލުމަށްވެސް ވަނީ އިދިކޮޅުން ގޮވާލާފައެެވެ.

އިދިކޮޅުން މިހެން ބުނެފައިމިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ގިނަ މީހުން ބައިވެރިވެ އެއްވާ އެއްވުންތައް ނުބޭއްވުމަށް އިއްޔެ އެޗްޕީއޭއިން އިލްތިމާސް ކުރުމުންނެވެ. މީގެއިތުރުން އެ އޮތޯރިޓީން ވަނީ ހަތް ގައުމަކަށް ދިވެހިން ދިއުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.