ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގެ ރަށްތަކަށް ކުރާ ދަތުރުތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާން އަފްޝަން ލަތީފު ވިދާޅުވީ ކެމްޕެއިނަށް އަންނަ މަހު ދެ ރައީސުންވެސް ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދޮރުން ދޮރަށް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ރައީސުން ކެމްޕެއިނަށް އަންނަ މަހު ފުރާވަޑައިގެންނެވި ނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކެމްޕެއިން ޓީމުތަކާއި އެކުގައި ރައްޔިތުންނާއި ބައްދަލުކޮށް ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 3000އެއްހާ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ. މިފަހަރުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީން 877 ގޮނޑިއަށް ކުރިމަތިލާނެއެވެ. އަދި އިދިކޮޅު ޕީޕީއެމްއިން 673 ގޮނޑިއަށް ކުރިމަތިލާނެއެވެ. މި އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރިމަތިލަނީ 118 ގޮނޑިއަށެވެ. އަދި އަދާލަތުން ކުރިމަތިލަނީ 30 ގޮނޑިއަކަށެވެ.