Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

ޓްރަމްޕް އިންޑިއާއަށް: 36 ގަޑިއިރުގެ ދަތުރުފުޅެއް

ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އިންޑިއާގެ ވެރިރަށް ދިއްލީއާއި އަލީގަޅާއި އެހެން ބައެއް ސަރަހައްދުތަކުގައި އާދީއްތަ ދުވަހު މުޒާހަރާކުރަމުން ދިޔަކަމަށްވިޔަސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ 36 ގަޑިއިރުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖޭގެ ގަޑިން 11.10 ގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

އަޙްމަދު އާބާދުގެ އެއާރޕޯޓުން ޓްރަމްޕްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ޓްރަމްޕާއި އަރިހުގައި ވަޑައިގެންނެވި ވަފުދަށް މަރުހަބާދެންނެވުމުގެ ގޮތުން، އެއާރޕޯޓުގައި އޮތީ އެތައްހާސް ބައެއްގެ ނެށުމާއި މިއުޒިކާއި ބެރުދުންމާރިއާއި ތާޅަފިއްޔާއި ސަގާފީ ކުޅިވަރުތަކެވެ.

މިއަދު ޓްރަމްޕަށް ދެންނެވުނު މަރުހަބާއަކީ އިންޑިއާއިން ބޭރުގެ މެހުމާނަކަށް ދެންނެވި އެންމެ ފުރިހަމަ އަދި އެންމެ ބޮޑު މަރުހަބާއެވެ.

އެއާރޕޯޓުން ޓްރަމްޕްގެ ވަފުދު މޮޓޯކޭޑުގައި އެންމެ ފުރަތަމަ ވަޑައިގަތީ މަހާތަމާ ގާނދީގެ ސަބަރުމަތީ އާޝްރަމްއަށެވެ. އާޝަރަމްގެ ތަންތަން ބައްލަވާލެއްވުމަށްފަހު މެހުމާނުންގެ ފޮތުގައި ޓްރަމްޕްގެ ދެކަނބަލުން ސޮއިކުރެއްވިއެވެ. ޓްރަމްޕަކީ ސަބަރަމަތީ އާޝަރަމްއަށް ވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ރައީސެވެ.

ސަބަރުމަތީ އާޝްރަމްއަށްފަހު ޓްރަމްޕާއި ވަފުގެ ބޭފުޅުން ވަޑައިގަތީ، ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ދަނޑު، މޮޓެރާ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ދަނޑު ހުޅުއްވައިދެއްވީ ޓްރަމްޕާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެ ސްޓޭޑިމްގައި 110000 މީހުންނަށް އިށީނދެ ތިބެވެއެވެ.

އަނބިކަނބަލުން މެލޭނިއާއާއި ދަރކަނބަލުން އިވަންކާއާއި ދަނބިދަރި ޖެރަޑް ކުޝްނާގެ އިތުރަށް ބޮޑު ވަފުދަކާއެކު އިންޑިއާއަށް ވަޑައިގެންނެވި ޓްރަމްޕް، މުޅިދުނިޔެއަށް މަޝްހޫރު އަދި ދުނިޔޭގެ ހަތް އަޖާއިބުން އެއް އަޖާއިބުކަމަށްވާ، ތާޖުމަހަލަށް ވަޑައިގެން އެތާރީޚީ ބިނާގެ ރީތިކަން މިއަދު ހަވީރު ބައްލަވާލައްވާނެއެވެ.

ބޮޑުވަޒީރު މޯދީއާއި ޓްރަމްޕްގެ ބައްދަލުކުރައްވައި އަންގާރަދުވަހު ހެނދުނު ދައްކަވާ ރަސްމީ ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކާ ގުޅޭ މަޝްވަރާކުރެވުނަސް އަދި ފަހުމުނާމާތަކެއްގައި ސޮއިކުރެވުނަސް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމެއް ނޯންނާނެއެވެ. މިއީ އިންޑިއާ ސަރުކާރުން މުޅިން ހިތްހަމަޖެހޭ ކަމެއްނޫނެވެ.

ޓްރަމްޕަކީ އިންޑިއާއަށްް ވަޑައިގަންނަވާ އެމެރިކާގެ ހަވަނަ ރައީސެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރުގެތެރޭގައި ހަތްފަހަރަކު މޯދީއާއި ޓްރަމްޕް ވަނީ ބައްދަލުކުރައްވާފައެވެ.

މިއަދު ޓްރަމްޕް އިންޑިއާއަށް ވަޑައިގަތަސް، އިންޑިއާއަށް ވަޑައިގަންނަވާނޭ ކަމުގެ ވައުދު އެތައްފަހަރަކު ވަނީ ކުރައްވާފައެވެ.

"މޯދީއަކީ ރަނގަޅު ރައްޓެއްސެއް." ޓްރަމްޕް ވިދާޅުވެފައިވެއެވެ.

"މޯދީއަކީ އަޅުގަނޑަށް ވަރަށް ކަމުދާ ބޭފުޅެއް." ޓްރަމްޕް އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވިއެވެ.

އިންޑިއާގެ ރައްޔިތުންގެ ތެރެއިން 6-10 މިލިއަން މީހުން ޓްރަމްޕަށް މަރުހަބާ ދަންނަވާނޭމަށް މޯދީ ވަނީ ޓްރަމްޕަށް ދަންނަވާފައެވެ.

ޓްރަމްޕްގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީކަންތައްތައް ވަނީ ވަރަށް ވަރުގަދަ ކުރެވިފައެވެ. ސަލާމަތީކަންތައްތައް ބެލެހެއްޓުމުގައި އިންޑިއާގެ ފުލުހުންނާއި ސިފައިންގެ އިތުރަށް އެމެރިކާގެ ސިފައިން ވެސް ހަރަކާތްތެރިވަމުން އެބަގެންދެއެވެ. ޓްރަމްޕް އިންޑިއާގައި ދަތުރުކުރައްވަނީ ސަލާމަތީ ގޮތުން ވަރަށް ވަރުގަދަ ކާރެއްގައެވެ. އެއީ ބަޑީގެ ވަޒަން ނުވަންނަ އަދި ރޮކެޓު ހަމަލާތަކުން ވެސް ރައްކާ ކުރެވޭވަރުގެ ކާރެކެވެ.

ޓްރަމްޕްގެ ދަތުރުފުޅުގައި ތަފާތު ދީންތަކާއި މަޒުހަބުތަކުގެ މީހުންގެ ދީނީ މިނިވަންކަމާބެހޭ ގޮތުން ވާހަކަފު ދައްކަވާނެކަމަށް ވެއެވެ. ބޮޑުވަޒީރު މޯދީގެ ސަރުކާރުން ހިތްވަރު ހޯދައިގެން ހައްދުފަހަނަޅާފައިވާ ހިންދޫން، ފަހަކަށް އައިސް މުސްލިމުނަށް ވަރަށް ގިނަ ގޯނާ ކުރަމުންދާކަމުގެ ޝަކުވާތައް އަޑުއިވެމުންދެއެވެ. އަދި އެކަމާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ކަޝްމީރުގެ މައްސަލަ ހައްލުކުރަން މެދުވެރިއެއްގެ ބައި ކުޅެދެއްވަފާނެކަމަށް ޓްރަމްޕް ވިދާޅުވުމާގުޅިގެން އިންޑިއާއިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ.

ޓްރަަމްޕަށް މަރުހަބާ ދަންނަވަން ރަތްދޫލަ ފަތުރާލެވުނީ ތަންކޮޅެއްލަހުންނެވެ. ޓްރަމްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ފްލައިޓުން ފައިބާވަޑައިގެންނެވިތާ ވެސް އިރުކޮޅެއް ފަހުނެވެ.

ޓްރަމްޕްގެ ދަތުރުފުޅުގެ ތައްޔާރީތަކަށް އިންޑިއާއިން އެތައް ސަތޭކަ މިލިއަން ރުޕީސްއެއް ވަނީ ޚަރަދުކޮށްފައެވެ.
އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓްރަމްޕް ޖަރުމަނުމަނުވިލާތަށް ފުރާވަޑައިގަންނަވާނީ އަންގާރަދުވަހުގެ ރޭ 10.00 ގައެވެ.