Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މޫސާ އަންވަރުގެ ބަހުގެ ހަމަލާތަކެއް ކައުންސިލަށް!

ސ. ހިތަދޫ މިސްކިތްތަކުން އާންމުންނަށް އުނދަގޫ ވަރަށް ގުރުއާންގެ އަޑު އިއްވާ ކަމަށް ބުނެ އެކަން ކޮންޓްރޯލް ކުރަން އައްޑޫ ސިޓީ ކައުންސިލުން އެންގި އެންގުމަށް ޖުމްހުރީ ޕާޓީގެ ޒުވާނުންގެ ރައީސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ ކައުންސިލަށް ފާޑު ވިދާޅުވެފައި ވަނީ މިކަމާ ގުޅިގެން "ހަވީރު" ގައި އިއްޔެ ލިޔެފައިވާ ހަބަރަކަށް ކުރެއްވި ކޮމެންޓެއްގަ އެވެ.

"އައްޗީޑި! މިއޮތް ފަދަ ރަމަޟާން މަހު މިސްކިތްތަކުގެ އަޑުގަދަ ކުރާއިން ޤުރުއާނުގެ އަޑު އިވޭތީ ބަޔަކު ޝަކުވާ ކުރާ ކަމަށް ބުނެ، އައްޑޫ ރައްޔިތުން ބަދުނާމުކޮށް، އައްޑޫ ސިޓީ ކައުންސިލުން މި ހިންގި ޖަރީމާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން" ކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ކައުންސިލަކީ ނަޝީދުގެ ފޮތުން އެދުރުވެފައި ތިބި ބައެއް. އައްޑޫގައި މި ކުދިން ބެހެއްޓި ބުދުތައް ނައްތާލަން ކޯޓުން ކުރި އަމުރު އަދިވެސް ތަންފީޒެއް ނުކުރޭ. އެ ތަކެތި ނައްތާ ނުލައި ފޮރުވާފައި އެބަހުރި. މި ކައުންސިލަރުން އިސްވެ ތިބެ ހިންގަމުންދާ ރީނދޫ ހަރުގެ ތަކުގައި ވަރަށް އަޑު އަރުކޮށް އަޑުގަދަ ކުރާ ބޭނުންކޮށްގެން، ލަވަ ޖަހައި ޖަލްސާތައް ލައިވް ކުރަމުންދޭ. އެކަމުގެ އުނދަގޫ ރައްޔިތުންނަށް ބޮޑު. ފާޑުފާޑުގެ ލަވަ ހަދައިގެން އިންސާނުންގެ ނަފުސު ކަތިލަމުން މި އޮތް ފަދަ ރޯދަ މަހު ތިކުރާ ކަންކަން ވަރަށް މުޑުދާރު!" އޭނާގެ ކޮމެންޓްގައިވެ އެވެ. "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އައްޑޫ ސިޓީ ކައުންސިލަށް މިއިން އެކަކު ވެސް އިންތިޚާބު ނުވާނެ. އެކަމަށްޓަކައި އަޅުގަނޑުމެން އައްޑޫ ރައްޔިތުން ނުކުރާނެ އެއްކަމެއް ވެސް ނޯންނާނެ."