Last Updated: July 23, 14:58
Thursday, July 23, 2026
ކުޅިވަރު

ފަހަތުން އަރައި ލިވަޕޫލުން ވެސްޓްހަމް ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 3-2 އިން ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 79 ޕޮއިންޓާ އެކުއެވެ. ވެސްޓްހަމް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ. މި މޮޅާއެކު ލީގު ކަށަވަރުކުރަން ލިވަޕޫލަށް މިހާރު ބޭނުންވަނީ ހަތަރު މޮޅެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި ވައިނަލްޑަމް ލިވަޕޫލަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ތިން މިނެޓްފަހުން އިސާ ޑިއޮޕް ވަނީ ވެސްޓްހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 54 ވަނަ މިނެޓްގައި ފޯނަލްސް ވަނީ ވެސްޓްހަމް އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސްޓްހަމް އިން ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅެމުންދަނިކޮށް މެޗުގެ 68 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަކީ ވެސްޓްހަމްގެ ކީޕަރު ފަބިއާންސްކީ އަތުން ހެދުނު ހެދުނު ގޯހަކުން ވަތް ގޯލެކެވެ.

އަދި ލިވަޕޫލް މި މެޗުން މޮޅުވި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި އާނޯލްޑް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލުން މިހާރު ވަނީ ލީގުގައި ޖެހިޖެހިގެން 18 މޮޅު ހޯދައި މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ލީގުގައި ލިވަޕޫލް މި ސީޒަނުގައި އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލީގުގައި އެޓީމު ދެން ނިކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.