ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ 3-0 އިން ޗެލްސީ ބަލިކުރުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ރަނގަޅު ފުރުސަތުތަކެއް ބަޔާނުން ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ލެވެންޑޯސްކީ ފޮނުވާލި ދެ ހަމަލާއެއް ޗެލްސީގެ ކީޕަރު ކަބަލޭރޯ ދިފާއުކުރިއިރު ތޯމަސް މުލާ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.
ފުރަތަމަ ހާފްގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ގްނެބްރީ ވަނީ ބަޔާނަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ބަޔާންގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ގްނެބްރީ އެވެ. އަދި ބަޔާންގެ ތިންވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ.
މެޗުގެ 83 ވަނަ މިނެޓްގައި ލެވެންޑޯސްކީ އަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީގެ ޑިފެންޑަރު މާކަސް އޮލޮންސޯ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.
ރޭގެ މެޗުގައި ޗެލްސީ އަށް ވެސް ގޯލްޖަހާނެ މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް ވަނީ ހިފޭ ގޮތް ނުވެފައެވެ.
މި ދެ ޓީމު ބަޔާންގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.