Last Updated: July 23, 14:58
Thursday, July 23, 2026
ކުޅިވަރު

ގްރިޒްމަންގެ ގޯލުން ބާސާ ސަލާމަތްވެއްޖެ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އާއި ނަޕޯލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ނަޕޯލީންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓްގައި މި ގޯލު ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ މާޓެންސް ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ނަޕޯލީން ވަރަށް ޑިފެންސިވްކޮށް ކުޅެމުންދިޔައިރު، މި ހާފުގައި ބާސާ އަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ބާސާގެ މި ގޯލާއެކު ނަޕޯލީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު އެޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ބާސާގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން އިންސިންޔޭ އާއި ކަލެހޯން ފޮނުވާލި ދެ ހަމަލާ ބާސާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 89 ވަނަ މިނެޓްގައި ބާސާގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަށް ދެއްކި ރަތްކާޑާއެކު މި މެޗު އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

މި ދެ ޓީމު ބާސާގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.