Last Updated: April 20, 13:37
Saturday, April 20, 2024
ދުނިޔެ

ޓްރަމްޕްގެ އިންޑިއާ ދަތުރުފުޅު: ފަގީރުކަމާއި ނިކަމެތިކަން ފިލާޖަހައިގެން ފޮރުވުން

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް 36 ގަޑިއިރުގެ ކުރު ދަތުރުފުޅެއްގައި ހޯމަދުވަހު އިންޑިއާއަށް ވަޑައިގެންނެވިއިރު ޓްރަމް ދަތުރުކުރައްވާ މަގުތަކާއި ޒިޔާރަތްކުރައްވާ ތަންތަން ވަނީ އާދަޔާ ޚިލާފަށް ސާފުކޮށް ރީތިކޮށް ދަވާދުލައި، ޖަރީކޮށްފައެވެ. އެގޮތުން ފާހަގަކުރެވުނު އެއްތަނަކީ އަޙްމަދު އާބާދުގެ މަގެކެވެ.

އެ މަގުގެ އަރިމަތީގައި ފިލާޖަހައި ފިލާތަކުގައި ވަނީ ރީތި ކުރެހުންތައް ކުރަހާފައެވެ. އެކަން ކުރުމުގެ ބޭނުމަކީ ޓްރަމްޕްގެ ވަފުދަށް މަގުގެ އެއްފަރާތުގައި ޖިފުޓި ޖަހައިގެން ދިރިއުޅެމުންދިޔަ މީހުންގެ ފަގީރުކަމާއި ނިކަމެތިކަން ނުފެންނާނޭ ގޮތް ހެދުމެވެ.

އަޙްމަދު އާބާދުގެ ކުރިކެޓު ސްޓޭޑިއަމަށް ޓްރަމްގެ ވަފުދުގެ ބޭފުޅުން ދަތުރުކުރައްވަންޖެހެނީ މިދެންނެވި މަގުންނެވެ.
އެސޯސިއޭޓެޓް ޕްރެސްއިން ބުނި ގޮތުގައި ފުރަތަމަ ފިލާޖަހައިގެން އެތަން ހަދަން ފެށި ހަތްފޫޓެއްހާ އުސްމިނަށެވެ. ނަމަވެސް ފަހުން އެތަން ހަދައިނިންމީ އެއަށްވުރެ ތިރިކޮށެވެ.

އެ ފަގީރު ނިކަމެތި ސަރަހައްދުގެ ޖިފުޓިގަނޑެއްގައި ދިރިއުޅެމުންދާ ކޭޝީ ސަރާނިޔާ ބުނިގޮތުގައި އެމީހުންގެ ދަރިފަސްކޮޅުގެ މީހުން އެސަރަހައްދުގައި ދިރިއުޅެމުންދާތާ އެތައް އެތައް އަހަރެއް ވެއްޖެއެވެ.

"އަޅުގަނޑުމެންނަށް އެއްވެސްބަޔަކު އެހީތެރިކަމުގެ އަތެއް ނުފޯރުވާ. މުހިއްމު ބޭފުޅުން މިމަގުން ދަތުރުކޮށް ހައްދަވާ. އެކަމަކު މިފަހަރު ފިލާޖަހައިގެން އަޅުގަނޑުމެން ފޮރުވައިފި" އޭނާ ބުންޏެވެ. "ފިލައިން ފާރެއްހަދަން މިފަދަ ބޮޑު ޚަރަދެއް ކުރި ގޮތަށް އަޅުގަންޑުމެން މިއުޅޭ އަވަށުގެ ހާލަތު ރަނގަޅުކުރަން ޚަރަދުނުކުރެވެންވީ ކީއްވެ؟ އަޅުގަނޑުމެންނަށް އެހީތެރިނުވަނީ ކީއްގެން؟ ނިކަމެތި ފަގީރުން ފޮރުވަނީ ކީއްވެގެން؟"

ސްޓޭޑިއަމް ކައިރީގައި އުޅޭ ފަގީރު ނިކަމެތި 45 އާއިލާގެ މީހުންނަށް ވެސް އެސަރަހައްދަށް ވަދެ ނިކުމެއުޅުން، ޓްރަމްޕްގެ ދަތުރުފުޅާ ގުޅިގެން ސަރުކާރުން މަނާކުރިއެވެ. އެކަމާގުޅިގެން ސިޔާސީ ބައެއްފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ބޮޑުވަޒީރު މޯދީ ތަރައްގީގެ މަޝްރޫޢު ހިންގަވަނީ އެގޮތަށްތޯ ސުއާލު އުފައްދާފައިވެއެވެ. ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން މޯދީ ވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރކަން 12 އަހަރުދުވަސްވާނދެން ކުރައްވާފައެވެ. އަޙްމަދު އާބާދަކީ ގުޖުރާތުގެ މުހިންމު ރަށެކެވެ.

އިންޑިއާގެ މަދަނީ ޖަމްއިއްޔާއެއްކަމުގައިވާ ޖުވާލާ ފައުންޑޭޝަންގެ ބޭފުޅެއްކަމުގައިވާ އަޝްވާތޭ ޖުވާލޭ ވިދާޅުވި ގޮތުގައި އިންޑިއާއިން ދަނީ ތަރައްގީވުމަށް މަސައްކަތްކުރަމުންނެވެ.

"ފަގީރުންނާއި ނިކަމެތިން ދިރިއުޅޭ ސަރަހައްދުތައް ފޮރުވައިގެން ތަރައްގީއެއް ނުކުރެވޭނެ. އެކަމަކު ސަރުކާރުން ދަނީ ފުޅަށްއަޅައި ފަގީރުން ފޮރުވަމުން. އެއީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް." އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލެއްކަމުގައިވާ ކިޝޯރު ވަރުމާ ވިދާޅުވިގޮތުގައި އެ ބިމަކީ ދައުލަތުގެ މިލްކެކެވެ. އެތަނާމެދު ކަންތައް ކުރަމުން ދަނީ ގާނޫނާ އެއްގޮތަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އިންޑިއާއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅާގުޅިގެން މަގުމަތީގެ ދަތުރުފަތުރު ކުރުމަށް ހުރަސް އެޅިގެން އެތައްހާސް ބަޔަކު ވަނީ އެކަމުގެ ޝަކުވާވެސްކޮށްފައެވެ.

އަޙްމަދު އާބާދުގެ އެތައްހާސް ފަގީރުން ބުނިގޮތުގައި ޓްރަމްޕުގެ ދަތުރުފުޅަކީ އެމީހުންނަށް ކުރިމަތިވި މުސީބާތެކެވެ.