ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އަދި ސްކޫލްތައް ގުޅިގެން މި އަހަރު އަލަށް ފެށި ދަރިވަރުންގެ ފޯރަމް ރޭ ޝަރަފުއްދީން ސްކޫލުން ފަށައިފި އެވެ.
ދަރިވަރުން ތައްޔާރުކޮށް ހުށަހަޅާ މި ފޯރަމްގައި ޝަރަފުއްދީން ސްކޫލަށް ލިބިފައިވަނީ "އިސްލާމް ދީނަކީ ހައްގު ދީން" މި ޝިޔާރެވެ. މި މައުޟޫއަށް ދަރިވަރުން ވަނީ ޕްރެޒެންޓޭޝަން ތައްޔާރު ކޮށް ހުށަހަޅާފައެވެ. އަދި ފޯރަމް ތެރޭ އިލްމު ވެރިންގެ ޕެނަލްއަކުން ދަރިވަރުންގެ ސުވާލްތަކަށް ޖަވާބު ދިނުންވެސް އޮތެވެ.
ރޭ ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ ފޯރަމް އަށް ބެލެނިވެރިންނާއި ދަރިވަރުންގެ ބޮޑު ތާއިދެއް ވަނީ ލިބިފަ އެވެ.
ކައުންސިލުން ވަނީ ފޯރަމް ކުރިއަށް ގެންދިއުމަށް ތާވަލެއް ތައްޔާރު ކޮށް އާއްމުކޮށްފަ އެވެ. އެގޮތުން ސްކޫލްތަކަށް ހާއްސަ ކުރެވޭ ރެއެއްގައި އެ ސްކޫލަކަށް ލިބިފައިވާ މައުޟޫޢަކަށް އެ ސްކޫލަކުން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހުޅުވާލާ ފައެވެ.
ރަމަޟާންމަ ހުގެ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ސްކޫލްތައް:
12 ޖުލައި 2013 އައްޑޫ ހައި ސްކޫލް
15 ޖުލައި 2013 އިރުޝާދިއްޔާ ސްކޫލް
19 ޖުލައި 2013 ސ. އަތޮޅު މަދުރަސާ
22 ޖުލައި 2013 ޝަރަފުއްދީން ސްކޫލް
29 ޖުލައި 2013 ފޭދޫ ސްކޫލް
2 އޯގަސްޓް 2013 ހިތަދޫ ސްކޫލް
5 އޯގަސްޓް 2013 އިޙްޔާ ޕްރޮގްރާމް ނިންމާ ޖަލްސާ (އިރުޝާދިއްޔާ ސްކޫލް)
ފޯރަމްތަކަށް ކަނޑައެޅިފައިވާ މައުޟޫޢުތަކަކީ:
1. އެއްކައުވަންތަ އިލާހަކު ވޮޑިގެންވޭ– ސ. އަތޮޅު މަދުރަސާ
2. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ އެންމެ ފަހުގެ ރަސޫލާ– ފޭދޫ ސްކޫލް
3. އިސްލާމްދީނަކީ ޙައްޤު ދީން– ޝަރަފުއްދީން ސްކޫލް
4. މަރުވުމަށްފަހު އަލުން ދިރުއްވާނެ– ހިތަދޫ ސްކޫލް
5. ޒަމާނީ ސައިންސާއި ޤުރްއާން– އިރުޝާދިއްޔާ ސްކޫލް
6. އިންސާނާގެ ޢަމަލުތަކަށް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ– އައްޑޫ ހައިސްކޫލް
މި ޕްރޮގުރާމް ނިންމުމަށް ބާއްވާ ޖަލްސާގައި، 75 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދާ ސްކޫލްތަކަށް އިނާމް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފޯރަމްތަކުގެ އިންތިޒާމުތަކާއި ރިފްރެޝްމެންޓުގެ ކަންތައް ހަމަޖެއްސުމަށްޓަކައި ފޯރަމްތަކުގައި ބައިވެރިވާ ކޮންމެ ސްކޫލަކަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން 5،000 ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ.
އެހެން ނަމަވެސް މިހާތަނަށް އެއްވެސް ސްކޫލަަކަށް ފައިސާ ދީފައި ނުވާކަން "އައްޑޫ ލައިވް" އަށް އެނގިފައިވެ އެވެ. އެހެންވެ ފައިސާ ނުލިބުމުން މި މަަހުގެ 12 ގައި އައްޑޫގައި ބާއްވަން ތާވަލް ކުރި ފޯރަމް ވަނީ ކެންސަލްކޮށްފަ އެވެ.
އަދި ރޭގެ ފޯރަމްގައި ކައުންސިލްގެ އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.