މި ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ރާއްޖޭގެ ރައްޔިތުންނަށް އިވިގެން ދިޔައީ އައްޑޫ ސިޓީ ކައުންސިލުން މިސްކިތްތަކުން ގުރުއާންގެ އަޑު ކަނޑުވަން ބަޔާން ނެރެ މުދިމުން ލައްވައި ސޮއި ކުރުވި ވާހަކައިންނެވެ.
ދިވެހި ރައްޔިތުންގެ ހިތަށް އިންތިހާއަށް ބިރުވެތިކަން ވަދެގެން ދިޔަ މި ހާދިސާ ކައުންސިލުން އަދި ވެސް އަންނަނީ ދިފާއު ކުރަމުންނެވެ. އެގޮތަށް މުދިމުންނަށް އެންގީ ދީނީ އިލްމުވެރިންގެ މަޝްވަރާއި އެކު ކަަމަށް ބުނެ ދަނީ އިތުރު ހައްދަވަމުންނެވެ.
އެއްވެސް ދީނީ އިލްމުވެރިއަކު ރޯދަމަހު ގުރުއާންގެ އަޑު ކަނޑުވަން ބުނެފާނެ ހެއްޔެވެ؟ ނޫނީ ގުރުއާންގެ އަޑު މަޑުކުރުމަށް ބުނެފާނެ ހެއްޔެވެ؟ ދީނީ ޝެއިހުން އަންނަނީ މި ސުވާލު ކުރަމުންނެވެ. އެބޭފުޅުން މިފަދަ ލަފާއެއް ކައުންސިލަށް ދިން އިލްމުވެރިއަކު ހޯދަން ބޭނުމެވެ.
އެހެނީ ގުރުއާނަކީ ރަމަޟާން މަހު ބާއްވާލެއްވުނު ﷲގެ ކަލާމްފުޅެވެ. ރަމަޟާން މަހު އެންމެ ގިނައިން ކިޔަވަން ޖެހެނީ ގުރުއާނެވެ. ހާއްސަކޮށް މިސްކިތްތަކުން ގުރުއާންގެ އަޑު އެއްއަޑަކުން އިވެން ޖެހެއެވެ.
ތަރާވީހު ނަމާދާއި، ދަމު ނަމާދުގައި ގުރުއާން ކިޔަވާ އަޑު އިވުމުން އުނދަގޫވާ ބަޔަކު މިއަދު އަޅުގަނޑުމެންގެ މުޖްތަމައުގައި އުޅެފާނެއެވެ. އެކަން އަޅުގަނޑުމެން ގަބޫލު ކުރަންޖެހެއެވެ.
ނަަމަވެސް އެފަދަ ބައެއްގެ ބަހަކަށް އައްޑޫ ސިޓީ ކައުންސިލުން މިފަދަ ބަޔާނެއް ނެރުނީތީ ބައެއް ފަރާތަކުން ހައިރާނެއް ނުވެއެވެ.
ސަބަބަކީ އައްޑޫގައި އަޅުކަން ކުރާ ބުދުވެސް ބެހެއްޓުމެވެ. 17 ވަނަ ސާކް ސަމިޓާއި ދިމާކޮށް އަޅުކަން ކުރާ ބުދު ހިމެނޭ މޮނިއުމެންޓްތައް އައްޑޫގައި ބެހެއްޓުނު ކަން ކައުންސިލަށް ނޭގުނީތީއެވެ.
އެ ބުދު ތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ އެންމެ ފަހުން ކޯޓު އަމުރަށް ބުދު ނަގަން ޖެހުނީ ވެސް ކައުންސިލުންނެވެ. އެހެންވެ އައްޑޫ ސިޓީ ކައުންސިލަކީ ރާއްޖޭގައި ބުދު ބެހެއްޓި ހަމަ އެކަނި ކައުންސިލެވެ.
މުޅި ރާއްޖޭގައި އެތައް ކައުންސިލެއް އޮތް އިރު އަދި އަށްވުރެ މާ ކުދި ރަށްތަކުގައި ކައުންސިލް ހަދާފައިވާ އިރު މިސްކިތަކުން ގުރުއާންގެ އަޑު ކަނޑުވަން ބަޔާނެއް ނެރުނު ހަމައެކަނި ކައުންސިލަކީވެސް އައްޑޫ ސިޓީ ކައުންސިލެވެ.
ދީނީ އިލްމުވެރިންގެ މަޝްވަރާއާއި އެކު ކަމަށް ބުނެ ނެރުނު ބަޔާން އަދިވެސް އޮތީ އެގޮތަށެވެ. އެ ބަޔާން ބަދަލުކޮށް ރައްޔިތުންގެ ކިބައިން ކައުންސިލުން އަދިވެސް މައާފަށް އެދިފައި ނުވެއެވެ.
އައްޑޫގައި ހަރަކާތްތެރިވާ ޝެއިހުން ބުނެފައިވަނީ ގުރުއާންގެ އަޑު މިސްކިތްތަކުން ކެޑިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެކަން ބުދު ބެހެއްޓި ފަހަރުގައި ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.