ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ 2-1 އިން މެންޗެސްޓަރ ސިޓީން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ވެސް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ސިޓީގެ ގެބްރިއަލް ޖީސެސް ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކުރިއިރު ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު އެޑަސަންއެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ސިޓީ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 60 ވަނަ މިނެޓްގައި ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ވިނީޝަސް ދިން ޕާހަކުން މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ އިސްކޯ އެވެ.
މި ގޯލަށްފަހު ރެއާލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 78 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން ކެވިން ޑެ ބްރައިނާ ވަނީ ސިޓީ އަށް މެޗުގެ ލީޑު ނަގާދީފައެވެ.
ސިޓީން ލީޑު ނެގިތާ ތިން މިނެޓްފަހުން އެޓީމުގެ ފޯވާޑް ގެބްރިއަލް ޖީސެސް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަތްކާޑު ދައްކާފައެވެ. 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލަން ޖެހުނު ރެއާލް ކޮޅަށް އިތުރު ގޯލުތަކެއް ކާމިޔާބު ކުރަން ވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސިޓީ އަށް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.
މިއީ ސިޓީގެ ތާރީހުގައި ވެސް އެޓީމަށް ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ދެ ޓީމު ސިޓީގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.