ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލިޔޯން އަތުން 1-0 އިން ޔުވެންޓަސް ބަލިވެއްޖެއެވެ.
ލިޔޯންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޓޫސާޓްއެވެ.
މި ގޯލަށްފަހު ލިޔޯން އިން ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅެމުންދިޔައިރު، ޔުވެންޓަސް އަށް އެޓީމުގެ ޑިފެންސްލައިން ފުޅާއަޅުވާލަން ވެގެން ގޮސްފައިވަނީ އުނދަގޫ ކަމަކަށެވެ. އެގޮތުން މުޅި މެޗުގައި ވެސް ޔުވެންޓަސް އަށް ލިޔޯންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ރޭގެ މެޗަށްފަހު ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މެޗުގެ ފުރަތަމަ ހާފްގައި ކުޅުންތެރިން ބޯޅަ ޕާސްކުރަމުންދިޔައީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށާއި، ދެވަނަ ހާފްގައި ކުޅުންތެރިން އެކަން ވަރަށް ރަނގަޅު ކުރި ކަމަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި އެންމެ ހާފެއްގައި ކުރާ މަސައްކަތުން ނުފުދޭނެ ކަމަށްވެސް ސާރީ ބުންޏެވެ.
"ހުރިހާ ކަމެއް ވެސް ފެށިގެން އަންނަނީ ބޯޅަ ތަނެއްކޮޅެއް އަވަހަށް މޫވްކުރަން ފެށުމުން. ފަރިތަކުރުންތަކުގައި ކުޅުންތެރިން އެކަން ކުރީ ވަރަށް ރަނގަޅަށް" ސާރީ ބުންޏެވެ.
މިއީ ޔޫރަޕްގެ މުބާރާތެއްގައި ޔުވެންޓަސްގެ މައްޗަށް ލިޔޯން އަށް ކުރި ހޯދުނު ފުރަތަމަ ފަހަރު ކަމަށްވާއިރު 2010 ވަނަ އަހަރަށްފަހު ލިޔޯން އަށް މުބާރާތުގެ ދެވަނަ ބުރަށް ވުރެ ދުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.
މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.