Last Updated: July 23, 14:58
Thursday, July 23, 2026
ކުޅިވަރު

ޔުނައިޓެޑް އަނެއް ބުރަށް، އާސެނަލް ކަޓައިފި

ޔޫރޮޕާ ލީގުގެ ގަދަ 16 އަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކުރިއިރު މުބާރާތުން އާސެނަލް ކަޓައިފިއެވެ.

ޔުނައިޓެޑް މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖްގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން ކަމަށްވާއިރު ޔުނައިޓެޑް އަނެއް ބުރަށް ދަތުރުކުރީ 6-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ފްރެޑް އެވެ. ޔުނައިޓެޑްގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ބްރޫނޯ ފާނަންޑޭސް އާއި އިގާލޯގެ އިތުރުން މެކްޓޮމިނޭ އެވެ.

އާސެނަލް މުބާރާތުން ކެޓީ ރޭ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 2-1 އިން ގްރީސްގެ އޮލިމްޕިއާކޯސް އަތުންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ އާސެނަލް އިން ކަމަށްވާއިރު އޮލިމްޕިއާކޯސް އަނެއް ބުރަށް ދަތުރުކުރީ 2-2 އިން އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އޮލިމްޕިއާކޯސް އިން ކަމަށްވާއިރު މެޗުގެ 53 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ސިސޭއެވެ. މެޗުގެ 90 މިނެޓް ހަމަވިއިރު އެގްރިގޭޓް ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ.

އެގޮތުން 15 މިނެޓްގެ ދެވަނަ ހާފްގައި އާސެނަލްގެ ކެޕްޓަން އޮބަމަޔަންގް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓްފަހުން އެލް އަރާބީ ވަނީ އޮލިމްޕިއާކޯސް އަށް ލީޑު ނަގައިދީ އާސެނަލް ސިއްސުވާލާފައެވެ. މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން އޮބަމަޔަންގް އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑްގެ އިތުރުން ދެން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައިވާ ބައެއް އެހެން ޓީމުތަކުގެ ތެރޭގައި އިންޓަ މިލާން، ބަޔާ ލެވަކޫސަން، ރޯމާ އަދި ވުލްފްސްބާގް ހިމެނެއެވެ.