Last Updated: July 23, 14:58
Thursday, July 23, 2026
ކުޅިވަރު

ވައިރަހާ ގުޅިގެން ޔުވެންޓަސް-އިންޓަ މެޗު ފަސްކޮށްފި

ކޮރޯނާ ވައިރަހާ ގުޅިގެން މި ހަފްތާގައި އިޓާލިއަން ލީގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުވެންޓަސް އާއި އިންޓަ މިލާން ބައްދަލުކުރާ މެޗު ފަސްކޮށްފިއެވެ.

އިންޓަ އާއި ޔުވެންޓަސް ބައްދަލުކުރާ މެޗުގެ އިތުރުން، ލީގުގައި މި ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިތުރު ހަތަރު މެޗެއް ވެސް ވަނީ ފަސްކޮށްފައެވެ. އޭގެތެރޭގައި އޭސީ މިލާންގެ މެޗެއް ވެސް ހިމެނެއެވެ.

މި މެޗުތައް މީގެކުރިން ސަޕޯޓަރުން ނުވައްދާ މި ހަފްތާގައި ކުޅުމަށް ހަމަޖެއްސި ނަމަވެސް އެ ނިންމުން މިއަދު ވަނީ ބަދަލުކޮށްފައެވެ. މި މެޗުތައް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 13 ވަނަ ދުވަހުއެވެ.

އިޓަލީގެ އުތުރުގެ ސަރަހައްދުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު މިހާތަނަށް އެގައުމުން ވަނީ މި ބައްޔަށް 300 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި 12 މީހަކު އިޓަލީން ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިންޓަ މިލާނުން ޔޫރޮޕާ ލީގުގެ މެޗު ކުޅެފައިވަނީ ވެސް ސަޕޯޓަރުން ނުވައްދައެވެ.