ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެޑިއުޓީ އަދާ ކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އައުކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީ އާއި ކޮށްދީފައިވާ މަތިވެރި ޚިދުމަތުގެ ޒިކުރާ އާލާކުރުމުގެ ގޮތުން ބިނާކޮށްފައިވާ ޕޮލިސް މެމޯރިއަލް ވޯލް ރަސްމީކޮށް ހުޅުވައިފި އެވެ.
ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވާ ޖުލައި 23 ވަނަ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ 12:00 ގައި އިސްކަންދަރު ބިލްޑިން ބޭރު މަގުމަތީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް މެމޯރިއަލް ވޯލް ހުޅުއްވައި ދެއްވީ މިނިސްޓަ އޮފް ހޯމް އެފެއަޒް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ އަޙުމަދު ޝަފީޢު އާއި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އެވެ.
އިސްކަންދަރު ބިލްޑިންގ ބޭރު ފާރުކައިރީ މަގުމައްޗަށް ފެންނަ ގޮތަށް ބިނާކޮށްފައިވާ މި ފާރު ޑިޒައިންކޮށްފައި ވަނީ އޭގައި ފުންމާނަ އެކުލެވޭ ގޮތަށެވެ.
އެގޮތުން ފާރުގެ މެދުގައި ނެރެލައިފައިވާ ޕްރޮޖެކްޝަން ތައް ރަމްޒުކޮށް ދެނީ ޤައުމާއި ދީނެވެ. ފުލުހުންނަކީ ﷲ ގަންދީ ހުވައިކޮށްގެން ގައުމާއި ދީނުގެ ދިފާއުގައި ތިބޭ ބަޔެއް ކަމެވެ.
ދެ ފަރާތުގައި ހުރި ހުންގާނުތަކުން ރަމްޒުކޮށް ދެނީ ފުލުހުންގެ ލޯގޯ ނުވަތަ ބެޖުގެ ބައެކެވެ. ފުލުހުންގެ ލޯގޯ ޑިޒައިން ކުރެވިފައި ވަނީ އައްޑަނައެއްގެ ބައްޓަމަށް ކަމަށް ވުމުން މި ހުންގާނުތައްވެ ސް ރަމްޒުކޮށް ދެނީ އައްޑަނަތަކެވެ.
އެއީ އިންޑިވިޖުއަލް ފުލުހުން އެކަތިގަނޑަކަށްވެ ސަފަކަށް އެތުރިލައިފާވުން ކަމަށް ވެސް ބުނެވި ދާނެ އެވެ. އެއިން ރަމްޒުކޮށް ދެނީ ފުލުހުން އެތިބީ ޤައުމާއި ދީނުގެ ދިފާޢުގައި ކޮނޑާއި ކޮނޑުޖައްސައި ވަށައިގެން ޤައުމާއި ދީން މެދަށްލައި އެތުރިލާފައިވާ ކަމެކެވެ. އަދި މިގޮތަށް ގައުމާއި ދީނުގެ ދިފާއުގައި އެތުރިފައިތިބި ފުލުހުންގެ ތެރެއިން ބަޔަކު މިހާރު ވަނީ މި ދުނިޔެދޫކޮށް ޝަހީދުވެ ގޮސްފައި ކަމެވެ.
ތިރީގައި ބާއްވާ ލެވިފައިވާ ކަޅުކުލައިގެ ގްރެނައިޓް ޝީޓުން ރަމްޒުކޮށް ދެނީ ފަސްގަނޑާއި ސަންދޯއް އަދި ހިތާމައެވެ. މި ގްރެނައިޓް ޝީޓުގައި ވާ ވިދާއެތިކޮޅުތަކުން ރަމްޒުކޮށް ދެނީ ކަރުނަ އެވެ.
މިއިން ރަމްޒުކޮށް ދެނީ ޝަހީދުންގެ އާއިލާތަކާއި ފުލުހުންނާއި މުޅި ދިވެހި ގައުމު ސް ކަރުނަ އަޅާކަމެވެ. އަދި ވެލިގަނޑުގެ ފަހަތުގައި ފުލުހުން އެތުރިގެން ތިބިތިބުމުން އަންގައި ދެނީ ހިތާމަ ކުރާހާ ލުގައި ވެސް ޝަހީދުވެފައިވާ އެ މީހުންގެ ރައްޓެހި ރަޙްމަތްތެރި ފުލުހުންނަށްޓަކައި ފަޚުރުވެރިވާ ކަމެވެ.
މިފާރުގެ ހުންގާނުތަކުގެ މަތީގައިވާ ކަޅުކުލައިގެ ލައިންތަކުން ރަމުޒުކޮށްދެނީ އަނދިރިކަމެވެ. ދުނިޔޭގެ އަނދިރިކަމާއި ނާމާން ކަމެވެ. އަދި ކަޅުކުލައިގެ ލައިންތަކުގެ ދޭތެރެ ދޭތެރެއިން ފެންނަން ހުރި ހުދުކުލަ ރަމްޒުކޮށް ދެނީ އުފާވެރިކަމެވެ. ސުވަރުގެ އެވެ. އެއިން ޝަހީދުން މި އަނދިރި ނާމާން ދުނިޔެދޫކޮށް އުފާވެރި އަދި ދެމިހުންނަނިވި ސުވަރުގެއަށް ކުރެއްވި ދަތުރު އެވެ.
ޕޮލިސް މެމޯރިއަލްޑޭ ގެ ގޮތުގައި ޤައުމީ ފެންވަރުގައި ދުވަހެއް ކޮންމެ މީލާދީ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފާހަގަ ކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. އަދި މިއީ ޕޮލިސް މެމޯރިއަލް ޑޭ ގެ ގޮތުގައި ދުވަހެއް ފާހަގަ ކުރެވޭ ފުރަތަމަ ފަހަރެވެ.