Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ކްލެސިކޯ މެޗު ބާސާ އަށްވުރެ މުހިއްމީ ރެއާލް އަށް: ސެޓިއެން

ސްޕެނިޝް ލީގުގައި މިރޭ ކުޅޭ "އެލް ކްލެސިކޯ" މެޗު ބާސެލޯނާ އަށްވުރެ މުހިއްމީ ރެއާލް މެޑްރިޑަށް ކަމަށް ބާސާގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

މިރޭގެ މެޗަށް ނިކުންނައިރު ލީގުގެ އެއްވަނައިގައި 55 ޕޮއިންޓާ އެކު އޮތީ ބާސާ އެވެ. ރެއާލް އޮތީ 53 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސެޓިއެން ބުނީ މިރޭގެ މެޗަކީ ރެއާލް އަށް މުހިއްމު މެޗެއް ކަމަށާއި އެގޮތުން ބާސާ އަށްވުރެ ވެސް މި މެޗުގެ މުހިއްމުކަން ހަގީގަތުގައި ބޮޑީ ރެއާލް އަށް ކަމަށެވެ.

"ސަބަބަކީ އަހަރުމެން މޮޅުވެއްޖެނަމަ ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެ" ސެޓިއެން ބުންޏެވެ.

މިރޭގެ މެޗަށް ރެއާލް ނިކުންނައިރު އެޓީމު މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެގޮތުން އެންމެފަހުން އެޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ރެއާލް ވަނީ ބަލިވެފައެވެ.

އެކަމަށް އިޝާރާތް ކުރަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މި ހާލަތުން އަރައިގަތުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެ މަސައްކަތް ކުރުން މުހިއްމު ކަމަށާއި މީހުން ދައްކާ އެކި ޒާތުގެ ވާހަކަތައް މުހިއްމު ނޫން ކަމަށެވެ.

"އަހަންނަށް ވެސް އިނގޭ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކެއް ވެސް ހުރިކަން. އެކަމަކު އެމީހުންގެ ސަޕޯޓު އެންމެ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާއި ހަމައަށް އަހަރުމެންނަށް ބޭނުންވޭ" ޒިދާން ބުންޏެވެ.

ރެއާލްއާ އެންމެފަހުން ބައްދަލުކުރި ހަތް މެޗުން ވެސް ބާސާ ބަލިވެފައިނުވާއިރު، ސެޓިއެން ބުނީ މިފަދަ މެޗުތަކުގައި މާޒީގައި ކަން ހިނގާފައިވާ ގޮތް މުހިއްމު ނުވާނެ ކަމަށާއި ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް ދެ ޓީމުން ވެސް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި މިރޭގެ މެޗު ވެގެންދާނީ ވަރަށް ވާދަވެރި މެޗަކަށް ކަމަށްވެސް ސެޓިއެން ބުންޏެވެ.

ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 1:00 ގައެވެ.