އައްޑޫގައި މެރިކަލްޗަރ މަޝްރޫއު ފެށުމަށް ޝައުގު ވެރިކަން ފާޅުކޮށްފައިވާ އަކުއާ މޭޓް ކުންފުންނާއި ހަވާލުކޮށްގެން މެރިކަލްޗަރ މަޝްރޫއުއެއް ފައްޓަން އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވެ އާރްއޭއެފުން 5 ހެކްޓަރ ބިން ދޫކުރުމަށް ނިންމައިފިއެވެ.
ފްރާންސާއި އިޓަލީ ބަޔަކު ގުޅިގެން އުފައްދާފައިވާ އެކުއަ މޭޓް ކުންފުންޏަކީ އައްޑޫގައި މެރިކަލްޗަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުންޏެއްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަދި މި ކުންފުންޏަކީ މި މަސައްކަތުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ކުންފުންޏެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ އެކްއަ މޭޓް އާ ހަވާލުކޮށްގެން މަސް ދިރުވައި އާލާކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ޓޮމް ވިދާޅުވީ އައްޑޫގެ އެތެރެވަރިން 2-4 ކިލޯ މީޓަރުގެ ސަރަހައްދެއްގައި މަސް ދިރުވައި އާލާކުރުމުގެ ނިޒާމް ގާއިމު ކުރުމަށް ނިންމާފައިވާކަމަށެވެ.
އަދި އެތަނުގައި އާލާކުރާ މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަން ހިތަދޫ އާރްއޭއެފް ސަރަހައްދުން ފަސް ހެކްޓަރުގެ ބިން ދޫކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ މެރިކަލްޗަ ޕޮލީސީގައި ވެސް ހިމެނޭ މި ސިނާއަތަކީ އައްޑޫއަށް ވަރަށް އާ މަޝްރޫއަކަށް ވެފައި މިކަމުން ގިނަބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިތަނުން އުފައްދާ މަސް ކުރިމަގުގައި ގަމުގެ ވައިގެ ބަނދަރުން ބޭރު ކުރެވޭނެ ކަމަށް ޓޮމް ވިދާޅުވިއެވެ.