Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ބާސާ ބަލިކޮށް ރެއާލް އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ 2-0 އިން ބަލިކުރުމަށްފަހު، ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 56 ޕޮއިންޓާ އެކުއެވެ. ބާސާ އޮތީ 55 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބާސާ އިން ރަނގަޅަށް ކުޅުނުއިރު މި ހާފުގައި އެޓީމަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން މެސީ އާއި އާތާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރުގެ ކޯޓުއާ ދިފާއުކުރިއިރު ގްރިޒްމަން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ރެއާލް އިން ކުޅުން ރަނގަޅު ކުރިއިރު، މި ހާފުގައި އެޓީމުން ދިޔައީ ބާސާގެ ޑިފެންސްލައިނަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަރިއާނޯ އެވެ.

ދެވަނަ ހާފްގައި ބާސާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، ރެއާލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ވެސް އެޓީމަށް ކުރެވިފައެއް ނުވެއެވެ.

ރޭގެ މޮޅާ އެކު ރެއާލުން މި އަރައިގަތީ، ލީގުގައި ލެވަންޓޭ އަތުން ބަލިވުމާއި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވުމާ ކުރިމަތިވި މާޔޫސްކަމުންނެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ރެއާލް ބެޓިސްއާއެވެ. ބާސާ ނިކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.