Last Updated: July 1, 00:12
Tuesday, June 30, 2026
ސިޔާސީ

ޖޭޕީގެ ރަނިންމޭޓް މިއަދު އައްޑޫއަށް!

ޖުމްހުރީ ޕާޓީގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޖޭޕީ ކޯލީޝަނުން ބުނެފިއެވެ.

ޖުމްހުރީ ޕާޓީގެ އައްޑޫގެ އިސް އޮފިޝަލަކު ވިދާޅުވީ ޑރ. ހަސަން ސައީދު އާއި އިމާދު ސޯލިހުގެ އިތުރުން ބައެއް އެހެން ބޭފުޅުން މިއަދު މެންދުރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖޭޕީން ބުނީ މިރޭ ހިތަދޫގައި ހާއްސަ ތަރާވީހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަދަމާ ޑރ. ހަސަންގެ ޓީމު ހުޅުދޫއަށް ވަޑައިގަންނަވާ ގޮތަށް ޝެޑިއުލް ކޮށްފައިވާކަމަށެވެ. އަދި މާދަމާ ރޭ ފޭދޫގައި ވެސް ހާއްސަ ތަރާވީހެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިދަތުރުގައި ފޭދޫގައި ޖޭޕީގެ ޖަގަހެއް ހެދުމާއި ގުޅޭ ގޮތުން ތަނެއް ހަމަޖެއްސުމާއި، ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށް ކަންތައްތައް ނިންމާނެ ކަމަށެވެ.

މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ޖުމުްހުރީ ޕަޓިގެ ރިއާސީ ކެންޑިޑެޓް ގާސިމް އިބްރާހިމް އައްޑޫއަށް ވަޑައިގެންނެވި ފަހުން އެޕާޓީގެ ފަރާތުން ކެމްޕެއިންގައި އަދި އައްޑޫއަކަށް ޒިޔާރަތްކޮށްފައިނުވެއެވެ.

ނަމަވެސް އީދު ބަންދުތެރޭ ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޑރ. ހަސަން ރަނިންމޭޓަކަށް ހަމަޖެއްސެވި ފަހުން ހަފްތާ ބަންދު ތެރޭ ޙަސަން ސައީދު އާއި ގާސިމްވަނި މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.

ކުރިން "ގައުމާއިގެން ކުރިއަށް" ކޯލީޝަނުގެ އިސްބޭފުޅެއް ގޮތުގައި ހުންނެވި ހަސަން ސައީދު ވަނީ ތަފާތު ފަހަރުމަތިން ކޯލިޝަން ޖަލްސާތަކަށް އައްޑޫއަށް ވަޑައިގެންފައެވެ.