Last Updated: April 2, 09:26
Thursday, April 2, 2020
ރިޕޯޓް

ގާނޫނީ ފަންނުގެ ގާނޫނުން ވަކީލުން މަގުމަތިވެއްޖެ!

ވަކީލު ކަމުގެ ހުވާ ވަކީލުންތަކެއް ކުރަނީ - ފޮޓޯ / އަވަސް

ގާނޫނީ ފަންނުގެ ގާނޫނެއް ރާއްޖޭގައި ނެތުމުން ވަކީލުންގެ ކަންކަން މޮނީޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތް ކަމަށް ގިނަބަޔަކު އަބަދުވެސް ދިޔައީ ބުނަމުންނެވެ. މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލުތަކުގެ ތެރޭގައި ގާނޫނީ ފަންނުގެ ބިލެއް ހުށަހެޅިއެވެ. އެއީ ގިނަ ވަކީލުންތަކެއްގެ އިންތިޒާރެއް ނިމުމެއް ގެނުވި ބިލެކެވެ. ބިލު ފާސްކުރީ އެތައް ބައެއްގެ ހިޔާލާއި މަޝްވަރާތައް ހޯދުމަށްފަހުއެވެ. ގާނޫނަކަށް ބަދަލުވެ ބާ ކައުންސިލެއް އުފެއްދިއެވެ. ބާ ކައުންސިލަކީ ގާނޫނީ ގޮތުން ވަކީލުންގެ ކަންކަން ބަލަހައްޓާ މޮނީޓާ ކުރުވާ ތަނެވެ.

ނަމަވެސް އެ ގާނޫނުގައި އޮންނަ މާދާއެއްގެ ސަބަބުން މިއަދު ގާނޫނީ ވަކީލުން ތިބެން މިޖެހެނީ ސެޓްފިކެޓެއް އޮތަސް އެދުރެއް ނުވާނޭ ބުނާ ފަދައިން ބީދައިން މަގުމަތިވެފައެވެ. ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރިޔަސް، ވަކީލުކަމުގެ ހުއްދަ ދެވޭނީ އެއް އަހަރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ވެސް ބާ ކައުންސިލުން ދޭ ބާ އިމްތިހާނަކުން ފާސްވާން ޖެހެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވުޖޫދުވި މި ގާނޫނަށް އަހަރެއްވާން ގާތްވަނީއެވެ. ނަމަވެސް ގާނޫނީ ވަކީލުންނަކަށް އަދިވެސް ގާނޫނުގައި އެބުނާ ފުރުސަތެއް ލިބޭ ގޮތެއް ނުވިއެވެ. އެތައް އަހަރެއް ވަންދެން ފޮނި އުއްމީދުތަކަކާއި އެކުގައި ކިޔެވި ކިޔެވުމަށް ބޭކާރު އެއް އަހަރު ހޭދަވަނީއެވެ. ވަކީލުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއެވެ. ގާނޫނީ މަސައްކަތް ދައުލަތުން ކުރަމުން ގެންދަނީ އެންމެ ދެ މުއައްސަސާގައެވެ. އެއީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަދި ބަންޑާރަ ނާއިބުގެ އޮފީހެވެ. މި ދެ އޮފީހުން ވެސް ތަމްރީން ޕްރޮގްރާމުތަކަށް ކަނޑައަޅާފައި ވަނީ އަހަރަކަށް ވަކި މިންވަރެކެވެ.

މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރެވެން އަންނަނީ ބާ ކައުންސިލުން ހުއްދަ ކުރާ ލޯ ފާމެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ސުޕަވައިޒަރުންނަކީ ވެސް ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވެގެން ނޫނީ އެކަމެއް ކުރެވޭ ގޮތެއް ނުވެއެވެ. ތަމްރީނު ފުރިހަމަ ކުރި ނަމަވެސް ބާ ކައުންސިލުން ދޭ އިމްތިހާނުވެސް އަދި އޮތީއެވެ.

ރަނގަޅު ފެންވަރެއްގެ ބާ އިމްތިހާނެއް ދިނުމަށްޓަކައި ބޭރުގެ ބާ އެސޯސިއޭޝަންތަކުގެ އެހީ ބާ ކައުންސިލުން ހޯދަމުން އަންނާތީ އެކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ފަހު ބާ އިމްތިހާން އެކުލަވާލަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުންވެސް ބާ ކައުންސިލަށް ދަތި އިތުރު ކަންކަން އެބަހުއްޓެވެ. އެއީ ބާ ކައުންސިލް ހިންގާނެ އޮފީހެއް ނެތުމާއި ބަޖެޓް ލިބުމުގައި ކުރިމަތިވާ ދަތިކަމެވެ.

"އަހަރެމެން ހަތަރު ފަސް އަހަރު ކިޔެވުމަށްފަހު އަނެއްކާވެސް އިތުރު އެއް އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމަކީ ވަރަށް ބޮޑަށް އަހަރެމެންގެ ކެރިއާއަށް އެޅޭ ހުރަހެއް. އެއީ އަސްލު އަހަރެމެންގެ ޝަކުވާ އަކީވެސް. ގާނޫނެއް ހަދާއިރު އެބަޖެހޭ ބައިވަރު ކަންކަމަށް ވިސްނަން. އަހަރެމެން މިއީ ގާނޫނު ވުޖޫދަށް އައިއިރު ހުވާ ނުކުރެވި ތިބި މީހުން. އަހަރެމެންނަކީ ވަކީލުންނަކަށް އަދި ނުވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ އެއީ ހުވާ ނުކުރާތީވެ. އަނެއްކޮޅު މިހާރު ނިމެން ކައިރިވެފައި ތިބި ކުދިންގެ ހާލަތު ކޮބާ. މި ކަންކަމަށް އަސްލު ރިއާޔަތް ކުރެވިގެން ދޯ ގާނޫނު ގެންނަން ޖެހޭނީ. އެއީ ރާއްޖޭގައި ނެތް ގާނޫނަކަށްވީއޭ ކިޔާފައި އަވަސް އަރުވާލައިގެން ގާނޫނެއް ފާސްކުރިއަސް އެއީ ހައްލެއް ނޫން،" ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާފައިވާ އިސްމާއީލް ނާޝިދު ނަމަކަށް ކިޔާ ޒުވާނަކު "އައްޑޫލައިވް"އާ ވާހަކަދައްކަމުން ބުންޏެވެ.

ނާޝިދު ބުނި ގޮތަށް ގާނޫނު އައިއިރު ހުވާ ނުކުރެވި ތިބި ވަކީލުންނާއި ކިޔެވުން ނިމެން ގާތްވެފައި ތިބި މީހުންނަށް ހުއްދަ ދިނުމުގައި ހާއްސަ އުސޫލުތަކަކަށް އަމަލު ކުރެވޭނެ އިންތިގާލީ މުއްދަތެއް ވެސް ގާނޫނަކު ނެތެވެ. އެހެންވެ، އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ބާރެއް ބާ ކައުންސިލަކަށް ނުލިބެއެވެ.

ކޮންމެއަކަސް މިއަދު ގާނޫނީ ވަކީލުންތަކެއް މަގުމަތިވި ނަމަވެސް މިކަމުގައިވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޑިގްރީއެއް ނިންމާ އަމަލީ މައިދާނަށް ވަކީލުން ނިކުންނައިރު އެކަމުގައި ކުރިމަތިވާނެ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހާއްސަ ގޮތެއްގައި އަމަލީ މައިދާނުގައި އަމަލުކުރާނެ އުސޫލުތަކެއް ކިޔަވާދޭއިރު ދަރިވަރުންނަށް އުނގަންނައެއް ނުދެތެވެ. އެކަމުގެ ސަބަބުން ތަމްރީނެއް ނެތި އާންމު ރައްޔިތުންގެ ހައްގުތަކާ ގުޅުން ހުރި މުހިިންމު ޒިންމާއަކާ ހަވާލުވުމުގެ ފުރުސަތު ދިނުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވަނީ މިހާރު ކިޔަވާ ނިމިފައި ތިބި ކުދިންނާއި މެދު އަމަލު ކުރެވެމުން މިދަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދެވޭނެ ގޮތެއް ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ކުރަންޖެހޭ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ކޮންމެއަކަސް މިއަދު ގާނޫނީ ފަންނުގެ ބިލު އޮތް ގޮތުން ވަކީލުކަން ކިޔެވި ދަރިވަރުން މިތިބީ ވަކީލުންނަށް ވެވޭނެ ކަމުގެ އުއްމީދު ގެއްލިފައެވެ. ހުވާ ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތިފައެވެ. ހުވާ ކުރެވޭނެ ކަމަށްވީ ނަމަވެސް އެކަން ކުރެވެން އަދި ކިހާ މުއްދަތެއް ނަގާނެތޯ ސުވާލު އުފެދިފައެވެ. ރައްޔިތުންގެ މަޖިލިސް މެންބަރުން އުޅުއްވަނީ ވަރަށް އަވަދިނެތި ސިޔާސީ ކަންކަމުގައެވެ. ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް އޮތްއިރު ވަކީލުންނަށް ހުއްދައެއް ދިނުމަށް ހަފްތާއެއްހާ ދުވަހުގެ ބުރަ މަސައްކަތް ކޮށްލައިގެން ގާނޫނަށް އިސްލާހު ގެންނާކަށް މިއީ މިއަދުގެ މަޖިލީހަކަށް އުނދަގޫ ކަމެއް ނޫނެވެ. ޖުޑީޝަރީ ކޮމެޓީން މިކަން އިސް ނަގައިގެން ކުރުމަކީވެސް ބައެއްގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީ ލިބިގެންދާނެ ކަމެކެވެ. ނަމަވެސް އެ މަސައްކަތް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ކުރުން އެއީ ދަތި ކަމަކަށްވެފައިވާ ކަހަލައެވެ.

ގާނޫނެއް ފާސްކުރިއިރު އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް ނުވިސްނުނެވެ. ތިމާމެންގެ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތައަކަށް މިފަދަ ހާލެއް ޖެހުނީމަ ނޫނީ މިވެރިން ހެއެއް ނާރާނެއެވެ. ކްރެޑިޓު ނެގުމުގައި މަޖިލިސް މެންބަރުންނާއި ސިޔާސީ ބޭފުޅުންނަކީ ނަންބަރު އެކެކެވެ. ނަމަވެސް ކްރެޑިޓު ނަގާއިރު އެކަމުން ރައްޔިތުންނަށް ލިބޭ ތުރާލާ ވޭނެއް މިވެރިންނަށް ހަމަ އިހުސާސް ވެސް ނުކޮށްލެވެއެވެ. ހަތަރު އަހަރާއި ފަސް އަހަރާއި ދެމެދުގެ ކިޔެވން ކިޔެވި ދަރިވަރުން މަގުމަތިވެފައި ތިބި މަންޒަރު ބަލަން މިވެރިންނަށް ހަމަ ކެތްވޭހެއްޔެވެ.