Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ލިވަޕޫލް ކަޓުވާލުމަށްފަހު ޗެލްސީ ކުއާޓާ އަށް

2-0 އިން ލިވަޕޫޫލް ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލިއަންއެވެ. ވިލިއަންގެ މި ގޯލަކީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ.

އޭގެ އިރުކޮޅެއްފަހުން ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްލަން ކައިރިކައިރީގައި ރަނގަޅު ތިން ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އެ ތިން ހަމަލާ ވެސް ޗެެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު މެޗުގެ 64 ވަނަ މިނެޓްގައި ރޮސް ބާކްލީ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް ޗެލްސީ އަށް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ޕެޑްރޯ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ދިފާއުކުރިއިރު ޖިރޫ އާއި މޭސަން މައުންޓު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މިއީ އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ލިވަޕޫލް ބަލިވި ތިންވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. މުބާރާތުގެ ކުއާޓާފައިނަލްގައި ޗެލްސީ ބައްދަލުކުރާނެ ޓީމެއް އިނގޭނީ މިރޭ ނަގާ ގުރުއަތުލުމުންނެވެ.