ޕޮމެގްރޭނެޓް ނުވަތަ އަންނާރަކީ އިންސާނުންގެ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. ރަތް ކުލަ ގަދަ އެ މޭވާ ބޭނުންކުރުމުން، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުން ހުއްޓުވައި، ލޭހޮޅި ބެދުނަ ނުދީ ހިފަހައްޓައިދެ އެވެ. އަންނާރަކީ ލޭގައި ނުރަނގަޅު ސަރުބީގެ އަދަދު ދަށްކޮށް، ރަނގަޅު ސަރުބީގެ މިންވަރު އިތުރުކޮށްދޭ މޭވާއެކެވެ.
މިއީ ހާޓް އެޓޭކްޖެހުމާއި ސްޓްރޯކްޖެހުމާއި ލޭމައްޗަށްދިއުން ފަދަ ހިތާއި ލޭހޮޅިތަކާ ގުޅުން ހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަންކަމެވެ.
އާންމުކޮށް ރާއްޖޭގައި ވެސް ހެދޭ އަންނާރަކީ އެންޓި އޮކްސިޑެންޓްތަކުގެ ގޮތުގައި ބެލެވޭ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑުން މުއްސަދި މޭވާ އަކަށް ވުމުން، އަންނާރު ބޭނުން ކުރުމުން އޭގައި ހިމެނޭ ތަފާތު އެންޓިއޮކްސިޑެންޓްތައް، އަންހެނުންގެ އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
އެތެރޭގައި ރަތްކަން ގަދަ އޮށްތަކެއް އެކުލެވޭ އަންނާރަކީ ދަގަނޑުގެ ބައި ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. ނަތީޖާއެއްގެ ގޮތުން، ލޭމަދުވުމުން މެދުވެރިވާ ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް ލުއިކަން ގެނެސްދެ އެވެ.
މާބަނޑު މީހުން އަންނާރު ޖޫސް ބޭނުންކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑި އަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށް ދޭނެ ކަމެކެވެ. އަދި އަންނާރު ޖޫސް ބޭނުން ކުރުމަކީ މަޑުކަށި ހަލާކުވުން ހުއްޓުވުމަށް އެހީތެރިވެދީ، ދަތުގައި މެރަޖެހުން ހުއްޓުވައި ދޭނެ ކަމެކެވެ.
އަންނާރު ބޭނުން ކުރުމުން ލިބިދޭ ސިއްހީ އެހެން ފައިދާތަކުގެ ތެރޭގައި ދަތާއި ހިރުގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމާއި ލޮލުގެ ފެނުން ސާފުވެ ރަނގަޅުވުމާއި ބަނޑުގައި ރިހުން ލުއިކޮށްދިނުން ފަދަ ފައިދާތައް ހިމެނެ އެވެ. އަދި ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދިނުމާއި ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަނުދީ ހިފެހެއްޓުމާއި ކަރުތެރެ ސާފުކޮށް، ކަރުތެރެ ހަލާކުވުމުން ދުރުކޮށްދިނުމާއި ތަފާތު ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ހަށިގަނޑަށް ލިބުން އަދި ދިފާއީ ބާރު ރަގަޅުކުރުން ފަދަ ކަންތައްތައް އަންނާރުގެ ފައިދާތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ހަމަ މިއާއެކު އަންނާރަކީ ޖިންސީ ބަލިކަށި ކަމަށް ވެސް ހުރި ވަރަށް އިތުބާރު ހިފޭ، ފައިދާތައް ގިނަ މޭވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.