ސ. މަރަދޫގައި ޒުވާނަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިގެން މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިފައި ވަނީ އެ ރަށު ލަންސިމޫގެ ހަސަން މުނާޒިލް، 28، އެވެ. އޭނާ ފެނިފައި ގޭގެ ފުރަގަހުގައި ހުރި ފޭރުގަހެއްގައި ދަންޖެހިފައި ހުއްޓާއެވެ. މުނާޒިލް ސިއްހީ މަރުކަޒަށް ގެންދިޔައީ ހެނދުނު 8:16 އެހާކަށްހާ އިރ ކަމަށާއި ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.
ދަންޖެހިފައިވާ މީހާ ފެނިފައި ވަނީ މިއަދު ހެނދުނު ސްކޫލަށް ދިޔަ ކުއްޖަކަށެވެ. މަންޒަރު ދުށް މީހަކު ބުނީ މުނާޒިލް ދަންޖެހިފައި ހުރި އިރު އޭނާގެ ކަކޫ ބިންމަތީގައި ޖެހިފައި ހުރި ކަމަށެވެ.
ދަންޖެހިފައިވާ ފޭރު ގަހަކީ ވަރަށް ތިރި ފޭރު ގަހެކެވެ. އަދި ދަންޖެހެން ބޭނުން ކޮށްފައިވަނީ ފަލަ ވާގަނޑެކެވެ. ފުލުހުން ވަނީ ދަންޖެހުނު ސަރަހައްދު ބަންދުކޮށްފަ އެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ މުނާޒިލް އަކީ އާއްމުކޮށް ރަށުގައި އުޅޭ މީހެއް ނޫން ކަމަށެވެ. މުނާޒިލްގެ ރައްޓެހިންތަކެއް ބުނީ އޭނާ އަށް ރޭ ފޭދޫ ބަޔަކު ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ހަމަލާ ދީފައިވަނީ އަންހެން ކުއްޖެއްގެ މައްސަލާގައި ކަމަށް އެމީހުން ބުނެއެވެ.
މުނާޒިލްގެ ރައްޓެހިން ބުނީ ރޭ ދެފަހަރެއްހގެ މަތިން އަންހެން ކުއްޖާ އާއި ބައްދަލު ކުރުމަށް ފޭދޫއަށް ގޮސްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން އޭނާ ގޮސްފައިވަނީ ރޭ ދަންވަރު 2 ގެ ފަހުން ކަމަށް އެމީހުން ބުނެއެވެ.
މިހާދިސާ އާއި ގުޅިގެން މުނާޒިލްގެ ރައްޓެހިން ތުހުމަތު ކުރަނީ އޭނާ މާރާލައި ގަހުގައި އައްސާފައި ދަންޖެހުނީކަން ދައްކަން ބޭއްވީ ކަމަށެވެ. އަދި އެމީހުން ވަނީ ރޭ މުނާޒިލް އަށް ހަމަލަ ދިން މީހުން ހޯދަން ފޭދޫއަށް ގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފޮޝަލް ވިދާޅުވީ ހާދިސާ އިތުރަށް ތަހްގީގު ކުރަމުން އަންނާތީ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ.
ފައިސާތަކެއްގެ މައްސަލައެއްގައި އާއި މަރަދޫގައި ހިންގި މާރާމާރީއެއްގެ މައްސަލާގައި ފުލުހުން ރޭ ވަނީ ލަންސިމޫ ގެއަށް ގޮސް މުނާޒިލް އާ ސުވާލުކޮށްފައި ކަމަށް ހަބަރު ލިބެއެވެ.
މަރަދޫ ސިއްހީ މަރުކަޒުގައި މުނާޒިލްގެ ހަށިގަނޑު ބާއްވައިގެން ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.