Last Updated: April 20, 10:54
Saturday, April 20, 2024
ކުޅިވަރު

ނޯވިޗް އަތުން ބަލިވެ ޓޮޓެންހަމް އެފްއޭ ކަޕުން ކަޓައިފި

ޕެނަލްޓީގައި 3-2 އިން ނޯވިޗް ސިޓީ އަތުން ބަލިވެ އިނގިރޭސި އެފްއޭ ކަޕުން ޓޮޓެންހަމް ކަޓައިފިއެވެ.

މި ދެ ޓީމު ރޭ ޓޮޓެންހަމްގެ ދަނޑުގައި ބައްދަލުކުރި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

އެގޮތުން ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޓޮޓެންހަމް އިންނެވެ. މި ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ވެޓޮންގެންއެވެ. މި ގޯލަށްފަހު ވެސް ޓޮޓެންހަމް އަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

އެ ފުރުސަތުތަކުގެ ބޭނުން ޓޮޓެންހަމް އަށް ނުހިފުނުއިރު މެޗުގެ 78 ވަނަ މިނެޓްގައި ޖޯސިޕް ޑާމިޗް ވަނީ ނޯވިޗް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޓޮޓެންހަމްގެ ސާޖް އައުރިޔޭ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ނޯވިޗްގެ ކުޅުންތެރިން ވަނީ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކޮށްފައެވެ.

90 މިނެޓް ހަމަވިއިރު ނަތީޖާ އަށް ބަދަލެއް އައިސްފައިނުވާއިރު، 15 މިނެޓްގެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައިނުވުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ޓޮޓެންހަމް އިން ޖެހި ތިން ޕެނަލްޓީއެއް އެޓީމަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މުބާރާތުގެ ކުއާޓާގައި ނޯވިޗް ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއި ޑާބީ ކައުންޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޓޮޓެންހަމް މުބާރާތުން ކެޓިއިރު، މުބާރާތުގެ ކުއާޓާފައިނަލުން މެންޗެސްޓަރ ސިޓީ އާއި ލެސްޓަ ސިޓީ ވެސް ރޭ ވަނީ ޖާގަ ހޯދާފައެވެ. ކުއާޓާގައި ސިޓީން ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރާއިރު ލެސްޓާ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.