Last Updated: June 9, 20:11
Tuesday, June 9, 2026
ދީން

ދުބާއީގެ އިލްމުވެރިންގެ ދަރުސް އައްޑޫގައި

ދުބާއީގެ ދީނި އިލްމުވެރިންގެ ޓީމެއް އައްޑޫގައި އިސްލާމް ދީނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އިލްމުވެރިންގެ އައްޑު އަށް އައީ މިދިޔަ މަހު 26 ގައި ކަމަށެވެ. އަދި އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމަ އަށް އައްޑޫ ރަށްރަށުގައި އެ ޓީމުން ދީނީ ޕްރޮގްރާމްތައް ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު އައްޑޫގައި ހަރަކާތްތެރިވާ އިލްމުވެރިންގެ ޓީމްގައި ހިމެނެނީ ހަތަރު ބޭފުޅުންނެވެ. މިއީ ރަޖިސްޓްރީކޮށްފައިވާ ވަކި ޖަމާއަތެއް ހަދައިގެން މަސައްކަތްކުރާ ބޭފުޅުންނެއް ނޫނެވެ.

އެހެން ނަމަވެސް މިއީ އިސްލާމީމް ދީނުގެ ދައުވަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާންމުންނަށް ދެއްވުމަށް، އެކި ގައުމުތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.

ދުބާއީގެ ދީނީ އިލްމުވެރިންގެ ޓީމުން އަންނަނީ އައްޑޫގެ ރަށްރަށަށް ވަކިވަކިން ޒިޔާރަތްކޮށް، އެކި މިސްކިތްތަކުގައި ނަމާދަށް ފަހު ދީނީ ދަރުސް ދީ، ދީނަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ރަށްރަށުގައި ގޭގެއަށް ގޮސް، އިސްލާމް ދީނުގެ މަތިވެރިކަމާއި ނަމާދުގެ މުހިއްމުކަމާއި ދީނުގައި އެ ނޫން ވެސް ވާޖިބް ކުރައްވާފައިވާ ކަންތައްތަކަށް ފަރުވާތެރިވެ، އިސްލާމް ދީނުގެ މަތީގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ވަރުގަދަ އަގީދާއަކާ އެކު ސާބިތުވެ ތިބުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ އެވެ.