ސިއްސައިގެން ގޮސްފައި ނަސަމް އަށް ހޭލެވިއްޖެ އެވެ. މުޅި މީހާ އިނީ ދާހިތްވާ ފޯވެފަ އެވެ. ބިރުވެރި ހުވަފެނެއްގެ ސަބަބުން އޭނާގެ ނިދި ހަރާބުވެއްޖެ އެވެ. ނަސަމް ހަމައަކަށް އެޅޭތޯ ބަލަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށް ފަހު އެނދުން ތެދުވި އެވެ.
މަޑުމަޑުން ހިނގަމުން ގޮސް އޭނާ ފާހާނާ އަށް ވަން އިރު، ވަރަށް ބޯކޮށް ވާރޭ ވެހޭ އަޑު އިވެ އެވެ. މޫނު ދޮންނަ ތަށިގަނޑާ ދިމާއަށް ގުދުވެލާފައި އަވަސް އަވަހަށް މޫނަށް ފެން ބުރުއްސާލާފައި ބޯ ހިއްލާލި އިރު ލޯގަނޑުން އޭނާގެ މޫނު ފެނިއްޖެ އެވެ. ވަގުތުން ނަސަމްގެ ދެ ލޯ ބޮޑުވެ، ހަޅޭއްލަވައި ގަތުމާ އެކު ފަހަތަށް ޖެހެވުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟
އޭނާގެ ކަނާތު ކޯތާފަތްމަތީގައި އެ ހުރީ ފުން ޒަހަމެކެވެ.
ނަސަމް މޫނު ދޮވުނު އިރު އެ ޒަހަމް ހުރި ކަމުގެ އެއްވެސް އިހުސާސެއް ނުވެ އެވެ. އެކަަމަކު މޫނުމަތީގައި އެ ހުރި ފުން ޒަހަމް އެހެރީ ރީއްޗަށް ފެންނާށެެވެ. ނަސަން ދުވަމުން ގޮސް ދޮރާ ހަމައަށް ދެވުނު އިރު މަންމަ ކޮޓަރިތެރެއަށް ވަދެއްޖެ އެވެ.
"މަންމާ…މަންމާ…އަހަރެންގެ…އަހަރެންގެ…" ނަސަމްގެ އަޑު ތުރުތުރު އަޅަ އެވެ.
"ކިހިނެއްވީތަ ދަރިފުޅާ؟" މަންމަ ވަރަށް ކަންބޮޑުވެފައި ސުވާލް ކުރި އެވެ.
"މަންމާ އަހަރެންގެ މޫނު…މޫނުގައި…" ނަސަމް ހީވަނީ ބިރުން ގޮސް ވިރިގެން ފައިބަފާނެހެންނެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަ އެވެ.
"ކީކޭ ތި ކިޔަނީ…މޫނޭ…މޫނަށް ކިހިނެއްވީތަ؟" މަންމަގެ އެ ޖުމްލަ އަޑު އިވުމުން ނަސަމް އަށް ލިބުނި އިތުރު ހައިރާން ކަމެކެވެ. އަނެއްކާ މަންމަ އަށް ނަސަމްގެ މޫނުގައި ހުރި ޒަހަމް ނުފެންނަނީ ބާވަ އެވެ؟
"މޫނު…މޫނު ކަފައިގެން ގޮއްސަ…" ނަސަމް ވަރަށް ބިރުން ހުރެ އޭނާގެ މޫނު މަންމަ އަށް ދައްކަނީ އެވެ. މޫނުގައި އަތްލާކަށް ވެސް އޭނާއަކަށް ނުކެރެ އެވެ.
"ކަފައިގެން ގޮއްސައޭ….ކޮބާތަ؟…ދަރިފުޅު ކީކޭ ތި ކިޔަނީ…ދައްކަބަލަ މަންމަ އަށް." ނަސަމްގެ މޫނުގެ އެކި ދިމަދިމާލުން ވެސް ބެލުމުން ވެސް މަންމައަކަށް އެ ބުނާ ޒަހަމެއް ނުފެނުނެވެ.
"ނުފެނޭތަ މަންމައަކަށް…މިހިރީ ކަފައިގެން ގޮއްސަ." މަންމަގެ ވާހަކަ ގަބޫލް ނުކުރެވުމުން ނަސަމް އޭނާގެ މޫނުގައި އަތް ޖައްސާލި އެވެ. ތެދެކެވެ. ޒަހަމެއްގެ އެއްވެސް ނިޝާނެއް އޭނާގެ އަތަކަށް އިހުސާސެއް ނުކުރެވުނެވެ. އަނެއްކާ މިވީ ކީއްބާވަ އެވެ؟ އޭނާ އަށް ހަމަ ދެންމެ ލޯގަނޑުން ފެނުނު އެ ފުން ޒަހަމް މިހާރު ކޮބައި ހެއްޔެވެ؟
"ތީ ހަމަ ދަރިފުޅަށް ހީވި ގޮތެެއް ކަމަށް ވާނީ. އަވަހަށް ދޭ އޮށޯންނަން. ނެތެއްނު ދަރިފުޅުގެ މޫނަށް އެއްވެސް ކަމެއްވެފައެއް." މަންމަ ލޯބިން ނަސަމްގެ ބޮލުގައި ފިރުމާލި އެވެ.
"ނޫނޭ މަންމާ…މީގެ އިރުކޮޅެއް ކުރިން އަހަރެން މޫނު ދޮވެލައިގެން ލޯގަނޑު ބަލާލި އިރު މިތާގައި އިނޭ ފުން ޒަހަމެއް ލާފައި." ވަރަށް ހިތް ނުތަނަވަސްވެފައި ހުރެ، ކުޑަ ކުއްޖެއްހެން ނަސަމް ބުންޏެވެ.
"މަންމަ ބުނެފީމެއްނު ތީ ހަމަ ދަރިފުޅަށް ހަމަ ހީވި ގޮތެކޭ. އަހަވަހަށް ދޭ…ވެދާނެ އެއީ ދަރިފުޅަށް ހުވަފެނަކުން ފެނުނީ ކަމަށް ވެސް،" އެހެން ބުނެފައި މަންމަ ހިނގައިގަތެވެ.
ކުއްލިއަކަށް ނަސަމް އެ ހުވަފެން މަތިން ހަނދާންވެއްޖެ އެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. ގޮތް ނޭނގޭ ހުވަފެކެނެވެ. ދޮރު ލައްޕަން ވެސް ނުކެރިފައި ނަސަމް ހުރީ އެވެ.
"އަވަހަށް ދޭ ހެނދުނު ހެނދުނާ އޮފީހަށް ވެސް ދާން ޖެހޭނެ. އެހެންވެ މަންމަ ދަރިފުޅު ކައިރީ ބުނަނީ ނިދުމުގެ ކުރިން ރަނގަ:ު އެއްޗެހި ކިޔައިގެން ނިދާށޭ. އެހެން ނޫނީ ތިކަހަލަ ކަންތައްތައް ވެސް ދިމާވާނެ." ސަކީނާ ދަމުން ފަސް އެނބުރި ބަލާލި އިރު ވެސް ނަސަމް ދޮރުމަތީގައި ހުރީ އެވެ. ވަންނަން ނުކެރިފަ އެވެ.
މަޑުމަޑުން ދޮރު ލައްޕާފައި އޭނާ މަޑު ފިޔަވަޅުތަކެއް އަޅަމުން އެތެރެ އަށް ހިނގައިގަތެވެ. ހޮޅި ބުރި ދިއްލާފައި ކުރިއަށް ހިނގައިގަތް ތަނާ މޭޒުމަތީގައި އިން މާވަށި އަތުން ޖެހިފައި ވެއްޓި ތެޅިއްޖެ އެވެ. އިތުރަށް ނަސަމް ސިހިއްޖެ އެވެ. މާ ވަށިގަނޑުގައި ހުރި ހުރިހާ މަލެއް ހަލާކުވެއްޖެ އެވެ.
އެންމެ މަލެއް ފިޔަވަ އެވެ. ނަމަވެސް އެކަމާ ވެސް ވަރަށް ބޮޑަށް ހައިރާންވެއްޖެ އެވެ. ހުރިހާ މާތައް މޯޅިވެފައިވާ އިރު، އެމާ ހަލާކު ނުވީ އިނީ ކީއްވެގެން ބާވަ އެވެ؟ ގުދުވެލުމަށް ފަހު ނަސަމް އެ މާ ނެގި އެވެ. އެއީ ރަތް ކުލައިގެ ބޮޑު ފިނިފެން މަލެކެވެ.
(ނުނިމޭ)