ގަހެއްގައި ވާގަނޑެއް އައްސައިގެން ދަންޖެހިގެން މަރުވެފައިވާ ހުއްޓާ މިއަދު ހެނދުނު ފެނުނު ޒުވާނާ، ބަޔަކު ދަން ޖައްސައި މަރާލީ ކަމަށް ގަބޫލް ނުކުރެވޭ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
"އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި ދަންޖެހިގެން މަރުވި މަރަދޫ ލަންސިމޫގެ ހަސަން މުނާޒިލް، 28، ގެ އާއިލާގެ މީހަކު ބުނީ ބަޔަކު އޭނާ މަރާލީ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނު ނަމަވެސް، އެކަން ގަބޫލު ނުުރެވޭ ކަމަށެވެ.
އަދި މުނާޒިލަކީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނަކަށް ވިޔަސް އޭނާއަކީ އެހެން މީހުންނަށް ގޯނާކޮށް، އުނދަގޫ ކުރަމުންދާ މީހެއް ނޫން ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާ އިން އަދި ބުނީ މުނާޒިލަކީ އާންމުކޮށް ރަށުގައި ވެސް އުޅޭ ޒުވާނެއް ނޫން ކަމަށެވެ. އަދި އޭނާ ރަށަށް އައީ މީގެ އަށް މަސް ކުރިން ކަމަށް އާއިލާ އިން ބުންޏެވެ.
"އޭނާ ގޯސްކޮށް އުޅުނުސް މީހުންނާ ރުޅިވެރިކަން އުފައްދައި ހަމަނުޖެހުން އުފައްދައެެއް ނަހަދާ. ވަރަށް މަޑުމަޑުން އަަބަދު ވެސް ހުންނާނީ،" އާއިލާ އިން ބުންޏެވެ. "ރަށުގެ ގިނަ މީހުންނަކަށް އޭނާ ނުވެސް އިނގޭނެ. ރިސޯޓެއްގައި އުޅެފައި މީގެ އަށެއްކަ މަސް ކުރިން އޭނާ ރަށަށް އައީ ވެސް."
މުނާޒިލަކީ އެ އާއިލާގައި ތިބި ހަ ކުދިންގެ ތެރެއިން އެންމެ ދޮށްޓަށް ހުރި ކުއްޖާ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ މުނާޒިލް ގޭގައި ހުރެފައި ރޭ އެންމެ ފަހުން، ބޭރަށް ދިޔައީ 1:30 އެހާކަށްހާ އިރު އެވެ. އަދި އޭގެ ކުރިން 8:00 ޖަހ އެހާކަށްހާ އިރު އޭނާ ގެއިން ނިކުމެގެން ދިޔައީ މަންމަގެ މޮބައިލް ފޯނާއި ރައްކާކޮށްފައި ހުރި ލާރިކޮޅު ވެސް ހިފައިގެން ކަމަށް އާއިލާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ވެސް އޭނާ ދަންޖެހިފައި ހުރިކަން އެނގުނީ މި ހިސާބުގެ ގަނޑުގެ މިީހުންނަށް ފެނިގެން ގޮވީމަ،" އޭނާ ބުންޏެވެ.
މުނާޒިލް ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންްދިޔައީ ހެނދުނު 8:16 އެހާކަށްހާ އިރު އެވެ.
އޭނާ ދަން ޖެހިފައި ހުރީ ގޭގެ އެއް ފަރާތު ވަލުތެރޭގައި ހުރި ތިރިކޮށް ހުރި ފޭރު ގަހެއްގައި ވާގަނޑެއް އައްސައިގެންނެވެ. އޭނާ އަދި ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުން މަރަދޫ ސިއްހީ މަރުކަޒުގަ އެވެ.
ފުލުހުން އަންނަނީ މުނާޒިލްގެ ގެ ކައިރި ބަންދުކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މުނާޒިލް ދަން ޖެހިގެން މަރުވި އިރު އަންހެން ކުއްޖެއްގެ މައްސަލާގައި ފޭދޫގައި ރޭ ދަންވަރު ބަޔަކު ވަނީ އޭނާގެ ގައިގައި ތަޅައި މާރާމާރީ ވެސް ހިންގައިފައި ކަމަށް ބައެއް މީހުން ބުންޏެވެ. އޭނާ ރައްޓެހިވެގެން އުޅުނީ ފޭދޫ ކުއްޖަކާ އެވެ.
އެހެން ނަމަވެސް އެ މާރާމާރީ އާއި މުނާޒިލްގެ މަރާ އެއްވެސް ގުޅުމެއް އޮތް ކަމަށް ގަބޫލް ނުކުރެވޭ ކަމަށް އޭނާ ދަންޖެހިފައި ހުއްޓާ ފެނުނު ބައެއް މީހުން ބުންޏެވެ.