Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ކޮވިޑް-19: އިޓަލީން އައި ފްލައިޓުތައް ރާއްޖެ އައީ މީހުން ބަލާ!

ކޮވިޑް-19 އެންމެ ގަދައަށް ޔޫރަޕްގައި ފެތުރިފައިވާ އިޓަލީގެ ފްލައިޓުތައް މިއަދު ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން ބަލާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް އިޓަލީގެ ދެ ފްލައިޓެއް އަންނާނެ ކަމަށެވެ. އަދި އެ ދެ ފްލައިޓަކީ ހުސްކޮށް ރާއްޖެ އައި ދެ ފްލައިޓު ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެެރިންނާއެކު މިއަދު އެ ދެ ފްލައިޓު ފުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިޓަލީން ރާއްޖެއަށް ދެ ފްލައިޓެއް އައިސްފައިވާއިރު ސަރުކާރުން ވަނީ އިޓަލީގެ ފަތުރުވެރިން ރާއްޖެއައުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެމަނިކުފާނު އެގޮތަށް އެ ނިންމުން ނިންމެވީ، މިވަގުތު ދިވެހިންގެ ސިއްހަތު މުހިންމު ކަމަށް ފެންނާތީ ކަމަށެވެ.

ސަރުކާރުން މީގެކުރިން ވަނީ އިރާނާއި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކުރުމާއި، ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އުތުރު އިޓަލީގައި 16 މިލިއަން މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމު ކަމުގައިވާ އިޓަލީއިން މިފިޔަވަޅު ނެގީ ވައިރަސް ކޮންޓްރޯލް ކުރުމަށް، އިތުރު ގޮތެއް ނެތިގެންނެވެ.

މިހާރު އޮތް ގޮތުން ކުރިއަށް އޮތް މަހުގެ ކުރީކޮޅާ ހަމައަށް އެހިސާބުގަނޑު އޮންނާނީ ކަރަންޓީނު ކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި ނައިޓުކުލަބާއި، ޖިމް އަދި ޕޫލްތައް އެއްކޮށް ބަންދުކުރާނެއެވެ.

ރެސްޓޯރަންޓުތައް ހުޅުވި ނަމަވެސް ކަސްޓަމަރުންނަށް ތިބެވޭނީ މީޓަރެއް ދުރުގައެވެ. ބެލެވޭ ގޮތުގައި ހުރިހާ ކުޅިވަރުގެ ހަރަކާތެއް ވެސް ހުއްޓުމަކަށް އަންނާނެއެވެ. އިޓަލީ ފުޓުބޯޅަ އިދާރާއިން ވަނީ ހުރިހާ ލީގެއް މިވަގުތަށް ހުއްޓާލުމަށް ފަހު މެޗުތައް ފަސްކުރުމަށް ގޮވާލާފައެވެ.

ކަރަންޓީނުކޮށް ކަނޑައެޅި ގަވާއިދުތަކާ ޚިލާފުވާ މީހަކު ތިން މަސް ދުވަހަށް ޖަލަށްލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ލޮކްޑައުންގައި ތިބި ސިޓީތަކުގެ ތެރޭގައި މިލާން އަދި ވެނީސްގެ އިތުރުން 14 ޕްރޮވިންސެއް ހިމެނެއެވެ. އިޓަލީގައި މިހާރު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ. އަދި ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 5338 އަށް އަރާފައެވެ.